ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ދަންވަރު ކެނެޑާއާއި ބޮސްނިއާ އެންޑް ހަރޒެގޮވީނާ ބައްދަލުކުރާ މެޗަށް ނިކުންނައިރު، މިފަހަރުގެ މުބާރާތުގައި ގައުމު ތަމްސީލުކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ދެ ގައުމުގެ ކޯޗުން ބުނެފިއެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާގެ ކޯޗު ޖެސީ މާޝްއާއި ބޮސްނިއާގެ ކޯޗު ސަރުގެއި ބާބެރޭޒް މިކަން ހާމަކުރީ މެޗުގެ ކުރިން ވަކިވަކިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައެވެ.
ކެނެޑާގެ ކޯޗު ޖެސީ މާޝް ބުނިގޮތުގައި އަމިއްލަ ފަސްގަނޑުގައި ކުޅޭ މި މުބާރާތަށް ގައުމީ ޓީމު ގޮވައިގެން ނިކުތުމަކީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް އެންމެ ފާހަގަކޮށްލެވޭނެ އެއް ކަންތަކެވެ. އަދި ޓީމުގެ އެންމެ ބޮޑު ބާރަކީ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ގައުމީ ސަލާމް ކިޔާއިރު ފެންނަ ގައުމީ ރޫހުކަން ފާހަގަކުރަމުން އޭނާ ބުނީ މިއީ ކެނެޑާ ތަމްސީލުކުރަން ލިބޭނެ އެންމެ ފުރިހަމަ ޓީމު ކަމަށެވެ. މީގެ އިތުރުން، އެޓީމުގެ މިޑްފީލްޑަރު ސްޓެފަން އެއުސްޓާކިއޯ ބުނީ ޓީމުން މަސައްކަތް ކުރަނީ މުބާރާތުގައި ކުޅެން ލިބުމުގެ އުފަލާއެކު ކުރިއަށް ހުރި މެޗުތަކަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.
ބޮސްނިއާގެ ކޯޗު ސަރުގެއި ބާބެރޭޒް ބުނީ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ފުރަތަމަ މެޗުގައި ނިކުންނައިރު އޭނާގެ ޓީމު އޮތީ "އަންޑަޑޮގްސް"ގެ ގޮތުގައި ކަމަށެވެ. ނަމަވެސް، މިއީ 12އަހަރަށްފަހު ބޮސްނިއާއިން ވާރލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވުމުން، މުޅި ޓީމު ވެސް ނިކުންނާނީ ބޮޑު ފަހުރުވެރިކަމަކާ އެކު ކަމަށް އޭނާ ބުންޏެވެ. ބޮސްނިއާއަކީ ކުޑަ ގައުމެއްކަން ފާހަގަކޮށް ބާބެރޭޒް ބުނީ މިއީ އެ ގައުމުން ވާރލްޑް ކަޕްގައި ވާދަކުރާ ދެވަނަ ފަހަރު ކަމަށާއި، ދުނިޔޭގެ ރޭންކިންގެ 64ވަނައިގައި އޮތް ނަމަވެސް މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ.
މިރޭގެ މެޗުގައި ކެނެޑާގެ ސަޕޯޓަރުންގެ ބޮޑު އެހީތެރިކަމެއް އެޓީމަށް ލިބޭނެކަން ޔަގީންވާއިރު، ކެނެޑާގައި ބޮސްނިއާއަށް އޮތް ތާއީދު ވެސް ކުޑައެއް ނޫނެވެ. އެގޮތުން ބޮސްނިއާ ޓީމުން ބާއްވާ ކޮންމެ ފަރިތަކުރުމެއް ބަލާލުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޒިޔާރަތްކުރަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.