މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކާއި ކިޔަވާ ކުދިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ "ދިވެހިންގެ ހޭންޑްބޯޅަ ކަޕް"ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޖޫން މަހުގެ 6 ވަނަ ދުވަހު މެލޭޝިއާގައި ބޭއްވި މި މުބާރާތަކީ އެ ގައުމުގައި އުޅޭ ދިވެހިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ހަރަކާތެކެވެ.
މި މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން ވާދަކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ އަންހެން ހަތަރު ޓީމަކާއި ފިރިހެން ފަސް ޓީމެކެވެ. ފޯރިގަދަ ކުޅުމަކަށް ފަހު މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާރް.ޑީ.އެލް އެސް.ސީއެވެ. އަދި އަންހެން ޑިވިޜަނުން އެއްވަނަ ހޯދައި ޗެމްޕިއަންކަން ކަށަވަރުކުރީ އާޖީލް ޓީމުންނެވެ.
މުބާރާތުގެ ފިރިހެން ބައިގެ ރަނަރަޕްކަން އާޖީލް ހޯދިއިރު، އަންހެން ބައިގެ ދެވަނަ ލިބުނީ ހަވަރު ސްޕޯޓްސް އަށެވެ. މި މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށް ފައިސާގެ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކޮންމެ ޑިވިޜަނެއްގެ ޗެމްޕިއަން ޓީމަށް 750މެލޭޝިއަން ރިންގިޓް ދީފައިވާއިރު، ރަނަރަޕް ޓީމުތަކަށް ދީފައިވަނީ 300ރިންގިޓެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކަކު އަނެކަކާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބޭއްވި މި މުބާރާތް ނިމިގެންދިޔައީ ވަރަށް އެކުވެރި މާހައުލެއްގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.