ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

އެފްއޭއެމުން އިންތިޒާމުކޮށްގެން ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އަފްޣާނިސްޠާނުގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފިއެވެ.

 މި މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ. މުޅި މުބާރާތުގައި ވެސް ބަލިނުވެ ކުޅުނު ޕާކިސްތާނަކީ މި މުބާރާތުގައި ވާދަކުރި ހަތަރު ގައުމުގެ ތެރެއިން ފީފާ ރޭންކިންގައި އެންމެ ފުލުގައި އޮތް ގައުމެވެ.

ދެ ޓީމުގެ ފަރާތުން ވެސް ލަސް އަދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޕާކިސްތާނުން ކުރިހޯދީ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝާޔަކް ދޯސްތެވެ. އޭނާ މި ލަނޑު ޖެހީ އަފްޣާނިސްޠާނުގެ ޑިފެންޑަރަކު ދިފާއުކުރަން އުޅުނު ބޯޅައެއް އޭރިއާ ބޭރުން ޕާކިސްތާނުގެ ކުޅުންތެރިއަކު ފޮނުވާލަން އުޅުމުގެ ތެރޭގައި ލިބުނު ފުރުސަތެއްގައި، ރީތި އޯވަހެޑް ކިކަކުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އަފްޣާނިސްޠާނުގެ އޮމަދު މުސާވީ އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޕާކިސްތާނުން މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާރޫން އައް ރާޝިދެވެ. އޭނާ މި ލަނޑު ޖެހީ އަފްޣާނިސްޠާނުގެ އޭރިއާ ތެރެއިން އެ ގައުމުގެ އަލީ ރަޔޭސް މުރާދީ އަތުން ބޯޅަ ހޯދައި، އޭނާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފުރަތަމަ ލަނޑު ޖެހި ޝާޔަކް ދޯސްތު ހޯދިއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ދެވަނަ ލަނޑު ކާމިޔާބުކުރި ހާރޫނެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕާކިސްތާނުގެ އޯޓިސް ޖާން މުޙައްމަދުއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށާއި މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

މި މުބާރާތުގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް އެއްވަރުވިއިރު، ދެވަނަ މެޗުގައި ރާއްޖެ އަތުން އަދި ލީގު ބުރުގެ ފަހު މެޗުގައި އަފްޣާނިސްޠާން އަތުން އެ ޓީމު ވަނީ މޮޅުވެފައެވެ. ފައިނަލުގައި ވާދަކުރި އަފްޣާނިސްޠާނަކީ މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ކުރީގައި އޮތް ގައުމެވެ. މި މުބާރާތުގެ ތިންވަނަ ބަންގްލަދޭޝްއަށް ލިބުނުއިރު، މުބާރާތް ފުލުގައި އޮވެ ނިންމާލީ ދިވެހިރާއްޖެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު