ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިގު ދަތުރަށް ފަހު ކުޅުންތެރިންނަށް އަރާމުކުރާނެ ވަގުތެއް ނުލިބުނު: ޕާކިސްތާނުގެ ކޯޗް

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ޕާކިސްތާނު ޓީމުގެ ބައެއް ކުޅުންތެރިންނަށް، ދިގު ދަތުރަކަށް ފަހު އަރާމުކޮށްލަން އެކަށީގެންވާ ވަގުތު ނުލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެ ޓީމުގެ ހެޑް ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފިއެވެ. 

 ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ވާހަކަދައްކަމުން ކޯޗު ވަނީ، މިކަމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމުގެ ފެންވަރަށް އަސަރުކުރިކަން ފާހަގަކޮށްފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސަލް ޔުނައިޓެޑާއި އެސްޓަންވިލާއަށް ކުރިން ކުޅެފައިވާ ތަޖުރިބާކާރު، އަދި ޕެރޫއަށް ނިސްބަތްވާ އުމުރުން 51އަހަރުގެ ސޮލާނޯ ބުނިގޮތުގައި، ޕާކިސްތާނުގެ ސްކޮޑުގައި ހިމެނޭ 11ވަރަކަށް ކުޅުންތެރިންނަކީ ޔޫރަޕުގެ އެކި ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ސްވިޑަން އަދި ޑެންމާކުގެ އެކި ޑިވިޝަންތަކުގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭއިރު، ބައެއް ކުޅުންތެރިންނަށް ޤައުމީ ޓީމާއެކު ފުރަތަމަ ފަހަރަށް ފަރިތަކުރުމެއްގައި ބައިވެރިވެވުނީ ވެސް ރާއްޖެ އައި ފަހުންނެވެ. މީގެ ސަބަބުން ޓީމެއްގެ ގޮތުގައި ބަދަހިކޮށް ކުޅެން އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

"އުޒުރު ދައްކާކަށް ބޭނުމެއް ނޫން. އެކަމަކު ބައެއް ކުޅުންތެރިންނަކީ ވަރަށް ދުރުން ސީދާ މި މުބާރާތަށް އައި ކުޅުންތެރިން. އެހެންވީމަ އެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު. ޙާއްސަކޮށް ދެވަނަ ހާފުގައި. ދެން އޮތީ ކުރިއަށް ހުރި މެޗުތަކާ މެދު ވިސްނައި ކުރިއަށްދިއުން. ތިންވަނަ ދުވަހު އިތުރު މެޗެއް މިއޮތޯ. އެހެންވީމަ އެ މެޗަށް ދެން ފޯކަސް ހުރީ"ސޮލާނޯ ބުންޏެވެ.

މެޗުގައި ބަންގްލަދޭޝްގެ ފަރާތުން ފެނުނު ކުޅުމަށް ސޮލާނޯ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ބަންގްލަދޭޝްގެ ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޕާކިސްތާނުގެ ކީޕަރު އީޖާޒް ބަޓްއާއި ބަންގްލަދޭޝްގެ ކެޕްޓަން މޮންޖުރޫރު ރަޙްމާނާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން، ރެފްރީ ވަނީ ބަންގްލަދޭޝްގެ ކީޕަރަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. އެހެންނަމަވެސް، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބަންގްލަދޭޝް ކޮޅަށް ލަނޑެއް ޖެހުމަށް ޕާކިސްތާނުން ކުރި މަސައްކަތްތަކަށް ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބަންގްލަދޭޝްގެ ކީޕަރު މެޙްދީ ޙަސަންއެވެ.

މި މުބާރާތުގައި ޕާކިސްތާނަށް ދެން އޮތީ އަންނަ ބުދަ ދުވަހުގެ ހަވީރު 16:00ގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ބަންގްލަދޭޝް ދެން ބައްދަލުކުރާނީ އެ ދުވަހުގެރޭ 21:00ގައި އަފްޣާނިސްޠާނާއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު