ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގޯލާ ރައްޓެހި ކުޅުންތެރިން ހޯދަންޖެހޭ ކަމަށް އުރުބާނީ ބުނެފި

ޝެއާ ކުރޭ Facebook Telegram Viber X

ކާމިޔާބު ޓީމެއް ބިނާކުރުމަށް ޓަކައި ގޯލާ ރައްޓެހި ކުޅުންތެރިން ދެނެގަނެ، އެފަދަ ކުޅުންތެރިން ޓީމަށް އިތުރުކުރަން ޖެހޭކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

 ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ޕާކިސްތާނު އަތުން މިއަދު ބަލިވެ ފައިނަލުގެ ފުރުސަތު ރާއްޖެއަށް ވަނީ ގެއްލިފައެވެ. މި މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން އުރުބާނީ ބުޏި ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް، ބައިނަލްއަގުވާމީ ލެވެލްގައި ނަތީޖާ ނެރުމަށް ޓަކައި ގޯލު ޖަހާނެ ކުޅުންތެރިން ދެނެގަތުން މުހިންމު ކަމަށެވެ.

އޭނާ ބުނީ، ރާއްޖޭގެ ކްލަބު މުބާރާތްތަކުގައި ސެންޓޭ ފަދަ ކުޅުންތެރިން އެއް މެޗެއްގައި ތިން ގޯލު ޖެހި ނަމަވެސް، ބައިނަލްއަގުވާމީ މެޗުތަކުގެ ޕްރެޝަރާއި ހާލަތު މާ ތަފާތު ކަމަށެވެ. އަދި ޓީމުގައި ހިމެނޭ އިލާން ފަދަ ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިން ކުރިއެރުވުމަށް ޓަކައި ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅުވަން ޖެހޭ ކަމަށް ކޯޗު ބުންޏެވެ.

ޕާކިސްތާނު އަތުން 3-0އިން ރާއްޖެ ބަލިވި މެޗާ ގުޅޭގޮތުން ކޯޗު ބުނީ، މެޗުގެ ކުރިން ވެހުނު ވާރޭގެ ސަބަބުން ދަނޑުގެ ވިނަގަނޑު ތެމި ޗަކަވުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް އަސަރުކުރި ކަމެއް ކަމަށެވެ. ރާއްޖެއިން މެޗު ފެށީ ލަސް ކުޅުމަކުން ނަމަވެސް، ވަކި ހިސާބަކުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފެއްދި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މެޗުގެ 53ވަނަ މިނެޓުގައި ޕާކިސްތާނުން ލަނޑު ޖެހުމާ އެކު ރާއްޖޭގެ ކުޅުންތެރިން ޕްރެޝަރަށް ވެއްޓުނުކަން އޭނާ ފާހަގަކުރިއެވެ.

"މި ލެވެލްގައި ހެދޭ އެންމެ ގޯހެއްގެ ފައިދާ ވެސް އިދިކޮޅުން ނަގާ ގޯލަކަށް ހެދުމުގެ ފުރުސަތު އޮންނާނެ. އިދިކޮޅުން ގޯލެއް ޖެހުމާ އެއްކޮށް ރާއްޖޭގެ ޓީމަށް އިތުރު ގޮންޖެހުންތަކެއް އަންނާނެ"

 މީގެ އިތުރުން ޕާކިސްތާނުގެ ބެންޗުން ކުޅެން އެރި ބަދަލު ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކޮލިޓީއެއް ފެނުނު ކަމަށާއި، މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގައި އެ ކުޅުންތެރިން މުހިންމު ދައުރެއް އަދާކުރި ކަމަށް އުރުބާނީ ބުންޏެވެ.

ނަތީޖާއާ މެދު މާޔޫސްވީ ނަމަވެސް، ކުޅުންތެރިން ދެއްކި ހިތްވަރާއި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ކޯޗު ބުންޏެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ރެޔަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު