ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އަފްޣާނިސްތާން ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ޕާކިސްތާނުން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޕާކިސްތާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޕާކިސްތާނަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބި، ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ފޯމެޓް ރޭވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ތިން މެޗުން ހަތަރު ޕޮއިންޓާއެކު އަފްޣާނިސްތާން މިވަގުތު ތާވަލުގެ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި މުބާރާތުގެ ފުލުގައި އޮތް ދިވެހިރާއްޖެއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މިރޭ 21:00 ގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ފައިނަލުގެ ފަހު ޖާގަ ހޯދުމުގެ އަމިއްލަ ބާރު ބަންގްލަދޭޝްއަށް އެބައޮތެވެ.
މިއަދުގެ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޕާކިސްތާނުން ވަނީ ލީޑު ނަގައިފައެވެ. ޝަޔަކް ދޯސްތު ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމަރު ނަވާޒެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިފައި ނުވާއިރު، ހާފުގެ އިތުރު ވަގުތުގައި އަފްޣާނިސްތާނުގެ ކެޕްޓަން އޮމިދު ޕޮޕަލްޒޭ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ.
ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ޕާކިސްތާނުގެ އަލީ އާޣާއަށް ލިބުނު ހުސް ފުރުސަތެއް ބޭކާރުވިއިރު، މެޗުގެ 73 ވަނަ މިނެޓުގައި އަފްޣާނިސްތާނުގެ އޮމިދު މުސާވީ ފޮނުވާލި ނުރައްކާތެރި ހަމަލާ ޕާކިސްތާނުގެ ކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ ދިފާއުކޮށްފައެވެ. ޕާކިސްތާނުން މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ. އާދިލް ނަބީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހާރޫން ހާމިދެވެ. މި ލަނޑަށްފަހު އަފްޣާނިސްތާނުގެ ކެޕްޓަން އޮމިދަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ރީނދޫ ކާޑެއް ދެއްކުމުން ރެފުރީއަށް ހަމަލާދިނުމާ ގުޅިގެންނެވެ.
މިއީ 2015ވަނަ އަހަރުގެ ފަހުން އަފްޣާނިސްތާނުގެ މައްޗަށް ޕާކިސްތާނުން ކުރި ހޯދި ފުރަތަމަ ފަހަރެވެ. އެ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން ޕާކިސްތާން މޮޅުވި ނަމަވެސް، އޭގެ ފަހުން މިދިޔަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އަފްޣާނިސްތާނަށް ޕާކިސްތާން އަތުން އެންމެ ފަހުން މޮޅެއް ހޯދިފައިވަނީ 2013ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.