އެކި ސަބަބުތަކާ ހުރެ ބާއްވާ ތާރީޚަށް ތަކުރާރުކޮށް ބަދަލުތަކެއް އައިސްފައިވާ ސައުތު އޭޝިއަން ގޭމްސް (ސާފް ގޭމްސް)އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ނިންމައިފިއެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 3 އިން 11އަށެވެ.
މި ގޭމްސް ކުރިން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް މަހުގެ 23އިން 31އަށެވެ. އެއީ އުޒްބެކިސްތާނުގައި ބޭއްވުނު އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައެވެ. ނަމަވެސް، އިސްލާމްއާބާދުގައި ދާދިފަހުން ބޭއްވި ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުމުގައި ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ވަނީ މުބާރާތް އޭޕްރީލް މަހަށް ފަސްކުރިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ޕާކިސްތާނުގެ ތިން ސިޓީއެއް ކަމަށްވާ އިސްލާމްއާބާދު، ލާހޯރު އަދި ޕެޝާވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ގޭމްސްގައި ޖުމްލަ 28ކުޅިވަރެއް ކުރިއަށްދާނެއެވެ. މިއީ ކުރިން ބޭއްވުމަށް ނިންމި 27ކުޅިވަރުގެ ބަދަލުގައި އިތުރުކުރި ކުޅިވަރަކާއެކު ނިންމި އަދަދެކެވެ. މި މުބާރާތުގައި ގާތްގަނޑަކަށް 3،200އެތުލީޓުން ވާދަކުރާނެ ކަމަށް ބެލެވެއެވެ.
މާލީ އަދި ސިޔާސީ ސަބަބުތަކާ ހުރެ 2023ވަނަ އަހަރުން ފެށިގެން ހަ ފަހަރު މަތިން ފަސްކުރެވުނު 14ވަނަ ސައުތު އޭޝިއަން ގޭމްސްގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި ރާއްޖެ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާގެ އޮފިޝަލުން ބައިވެރިވީ ޕާކިސްތާނަށް ގޮހެވެ. ނަމަވެސް އިންޑިއާއިން ބައިވެރިވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)އެވެ.
އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސްއެއް ބާއްވާފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައެވެ. މި ފަހަރުގެ މުބާރާތް ބާއްވާ ޕާކިސްތާނަކީ މީގެ ކުރިން 1989އަދި 2004ވަނަ އަހަރު ވެސް މި ގޭމްސް ކާމިޔާބުކަމާ އެކު ހޯސްޓްކޮށްފައިވާ ގައުމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.