އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފަށާ ސާފް ޗެމްޕިއަންޝިޕް 2026ގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުތުމަށް ތާވަލުކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެ ހިމެނިފައިވާއިރު، މި ގްރޫޕްގައި ދެން އޮތީ ސަރަހައްދުގެ އެންމެ ވަރުގަދަ ބާރު ކަމަށްވާ އިންޑިއާއެވެ. ރަސްމީ ތާވަލު ދައްކާގޮތުން ނޮވެމްބަރު 8ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ގްރޫޕްގެ ފަހު މެޗުގައި އިންޑިއާއާ ކުރިމަތިލާނީ ނޮވެމްބަރު 11ގައެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ، ސެމީއަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ އީދު ނޮވެމްބަރު 5 އިން 17އަށް ކުރިއަށްދާނީ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026"ގެ ނަމުގައެވެ. މުބާރާތް ހުޅުވާ މެޗުގައި އިންޑިއާ އަދި ޕާކިސްތާން ވާދަކުރާއިރު، ހަމަ އެރޭ ގްރޫޕް އޭގެ ބަންގްލަދޭޝް އަދި ބޫޓާން ބައްދަލުކުރާނެއެވެ. ގްރޫޕް އޭގައި ދެން ހިމެނެނީ ސްރީލަންކާއެވެ. ސެމީ ފައިނަލް މެޗުތައް ނޮވެމްބަރު 14އަށް ތާވަލުކޮށްފައިވާއިރު ފައިނަލް ކުޅޭނީ 17ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ޖުމްލަ 7ގައުމަކުން ވާދަކުރަން ކުރިން ނިންމި ނަމަވެސް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން ނޭޕާލް ސަސްޕެންޑް ކުރުމާ ގުޅިގެން މިހާރު ޓީމުތަކުގެ އަދަދު ވަނީ ހަޔަކަށް ވެއްޓިފައެވެ. ނަމަވެސް، މި ހިނގާ މަހުގެ ނިޔަލަށް ނޭޕާލްގެ ސަސްޕެންޝަން އުވާލައިފި ނަމަ، އެ ގައުމަށް ފުރުސަތު ދިނުމަށް ސާފުން އޮތީ ތައްޔާރަށެވެ. އެ ހާލަތުގައި މުބާރާތް ފަށާ ތާރީޚު ނޮވެމްބަރު 4އަށް އަވަސްކޮށް، މެޗުތަކުގެ ތާވަލަށް ބަދަލު އައުން އެކަށީގެންވެއެވެ.
މިއީ ސާފް ޗެމްޕިއަންޝިޕް ބާއްވާ 15ވަނަ ފަހަރެވެ. ކުރިން ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ބާއްވަން ރޭވި މި މުބާރާތް ނޮވެމްބަރަށް ފަސްކުރިއިރު، މިއީ ބަންގްލަދޭޝްގައި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބަންގްލަދޭޝްގައި ބޭއްވި ކޮންމެ ފަހަރަކު ވެސް ރާއްޖެއިން ވަނީ ފައިނަލްގައި ކުޅެފައެވެ. އަދި 2018ވަނަ އަހަރު ރާއްޖެއިން ތަށި އުފުލާލީ ވެސް އެ ގައުމުގައެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ 9ފަހަރު ތަށި ހޯދާފައިވާ އިންޑިއާއެވެ. ރާއްޖެއިން ވަނީ 2008އަދި 2018ގައި މުބާރާތް ކާމިޔާބުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.