ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާ ވޯލްޑްކަޕްގައި ރައީސް މުޢިއްޒު ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށް

ޝެއާ ކުރޭ Facebook Telegram Viber X

ފެށެން ތައްޔާރުވަމުންދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަޕޯޓް ކުރައްވާ ޓީމަކީ އާޖެންޓީނާ ކަމަށް އެމަނިކުފާނު ހާމަކުރައްވައިފިއެވެ. 

 މިނިސްޓްރީ އޮފް ޔޫތު އެމްޕަވާރމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އިން ގެނައި ހާއްސަ ފުޓްބޯޅަތަކެއްގައި ސޮއިކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި، ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށެވެ.

އާޖެންޓީނާއަށް ސަޕޯޓް ކުރައްވަން ފެއްޓެވީ އެ ގައުމުގެ ލެޖެންޑް ޑިއޭގޯ މެރެޑޯނާގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އާޖެންޓީނާ މުބާރާތުން ވަކިވާން ޖެހިއްޖެ ހާލަތެއްގައި ދެން ސަޕޯޓް ކުރައްވާނީ އިނގިރޭސިވިލާތަށް ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އިނގިރޭސި ޓީމަށް ސަޕޯޓް ކުރައްވަން ފެއްޓެވީ އެ ގައުމުގައި ކިޔަވަން އުޅުއްވި ދުވަސްވަރު ކަމަށާއި، އެމަނިކުފާނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ވެސް ބޮޑު ސަޕޯޓަރެއްކަން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މުބާރާތާ މެދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މެޗުތައް ކުޅޭ ގަޑިތަކުގެ ގޮތުން ހުރިހާ މެޗެއް ނުބެއްލެވުނު ނަމަވެސް، މުހިންމު މެޗުތައް ބައްލަވަން ވަގުތު ހުސްކުރައްވާނެ ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތުން ހައިރާންކުރުވަނިވި ނަތީޖާތަކެއް ފެނިދާނެ ކަމަށް ލަފާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ފްރާންސްއަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ފަހަރެއްގައި ހޮލެންޑުން ވެސް ތަށި ނަގައިފާނެ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނަށް ހަދިޔާކުރުމަށް ޔޫތު މިނިސްޓްރީން ތައްޔާރުކުރި ބޯޅަތަކުގައި ރައީސް މުޢިއްޒު ވަނީ ސޮއިކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ ޒުވާނުންނާއި ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ވޯލްޑްކަޕް މެޗުތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މިނިސްޓަރު ރާފިއުގެ ކިބައިން އެދިވަޑައިގެންފައެވެ. މުބާރާތާ ގުޅިގެން ޔޫތު މިނިސްޓްރީން ދަނީ އެކި ފަރާތްތަކާ ގުޅިގެން މެޗުތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު