ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރާއްޖޭގައި އީ-ސްޕޯޓްސް ފުޅާކުރައްވާނެކަމުގެ ޔަގީންކަން!

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާ އިތުރަށް ފުޅާކޮށް، އެ ރޮނގުން ޒުވާނުން ހޯދަމުން އަންނަ ކާމިޔާބީތައް ބަލައިގަނެ އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ، އާންމު ރައްޔިތުންނަށް އެމަނިކުފާނާ ސީދާކޮށް ސުވާލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު"ޕްރޮގްރާމްގެ ހަތަރުވަނަ ގެނެސްދިނުމުގައި، އީ-ސްޕޯޓްސްގައި ޙަރަކާތްތެރިވާ ޒުވާނަކު ދެންނެވި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ.

އީ-ސްޕޯޓްސްއަކީ މިހާރު ރާއްޖޭގައި ގިނަ ޢަދަދެއްގެ ޒުވާނުން ވަރަށް ފޯރިއާއެކު ކުރިއަށްދާ ދާއިރާއަކަށް ވީނަމަވެސް، ޤައުމީ ފެންވަރުގައި ދެވޭ ސްޕޯޓްސް އެވޯޑުތަކުގެ ތެރޭގައި އެ ދާއިރާ ނުހިމެނޭކަން ޕްރޮގްރާމްގައި ބައިވެރިވި ޒުވާނާ ވަނީ ފާހަގަކޮށްފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން ރީތި ނަން ހޯދަމުން ދިޔަ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި އެކަން ބަލައިގަނެވޭނެ ނިޒާމެއް ނެތުމަކީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ކުރީގެ ސަރުކާރުތަކުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަން ބަޔާންކޮށް، އޭނާ ވަނީ މި ސަރުކާރުން އީ-ސްޕޯޓްސްއަށް ދޭ އަހަންމިއްޔަތުކަން އިތުރުކޮށްދެއްވުމަށް އެދިފައެވެ. މިކަމަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވީ، މިއީ ގިނަ ޒުވާނުންތަކެއް ޝައުޤުވެރިކަމާ އެކު ކުރިއަށްދާ ދާއިރާއަކަށް ވުމުން، މި ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުޅުންތެރިންގެ އަގުވަޒަންކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. 

އީ-ސްޕޯޓްސް ކުރިއެރުވުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. އެގޮތުން، މާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ އީ-ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއް، އަދި ކުޑަކުދިންނަށް ޚާއްޞަ އެކްޓިވިޓީ ކޮމްޕްލެކްސްއެއް ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި އެ މަޝްރޫޢުތައް ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ސަރުކާރުގެ ދުރު ރާސްތާގެ އަމާޒަކީ ކުޅިވަރުގެ ޒަރީއާއިން ޒުވާނުންގެ މެދުގައި އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ. މި އަމާޒަށް ވާޞިލުވުމަށް ޓަކައި ކުޅިވަރާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ވަނީ ފެށިފައެވެ.

މި ސަރުކާރުން ޒުވާނުންނާ ބަހައްޓާ ގާތްކަމާއި، ސީދާ ރައީސަށް ޚިޔާލުފާޅުކުރުމަށް ހުޅުވާލާފައިވާ ފުޅާ ފުރުޞަތުތައް ފާހަގަކޮށް ޕްރޮގްރާމްގައި ބައިވެރިވި ޒުވާނާ ވަނީ ރައީސަށް ނުހަނު ބޮޑަށް ޝުކުރު އަދާކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު