"ރާއްޖެ ޖޫނިއަރ" 14އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގަތައް ތާޖުއްދީން ސްކޫލާއި ކަލާފާން ސްކޫލުން ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ތާޖުއްދީން ސްކޫލާއި ހުރަވީ ސްކޫލެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ތާޖުއްދީނުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކަލާފާން ސްކޫލުން ވަނީ ރެހެންދި ސްކޫލްގެ މައްޗަށް 2-0ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގެ 20ވަނަ މިނެޓުގައި ކަލާފާނުން ލީޑު ނެގީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރެހެންދި ސްކޫލުގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ހިފައިގެންނެވެ. އޭގެ ފަހުން މެޗުގެ 27ވަނަ މިނެޓުގައި ކަލާފާނުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ރެހެންދި ސްކޫލުގެ ކީޕަރު ގޯލްލައިން ދޫކޮށް ކުރިއަށް ނުކުމެ ހުރި ވަގުތު ބަލައި ފޮނުވާލި ހަމަލާއަކުންނެވެ.
ފައިނަލަށް ދަތުރުކުރި ދެ ޓީމުގެ ތެރެއިން ތާޖުއްދީން ސްކޫލް ސެމީ ފައިނަލުގެ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ހިރިޔާ ސްކޫލާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައިގެންނެވެ. އަދި ކަލާފާން ސްކޫލުން ސެމީގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި މަޖީދިއްޔާ ސްކޫލް 2-0ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.