ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކިންގްސް ކަޕްގެ ސެމީ ފައިނަލަށް އެއިޓީފޯ، ސްޓެލްކޯ، ކޯރާކޯރާ އަދި ހޯކްސް

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026ގެ ސެމީ ފައިނަލްގެ ޖާގަތައް އެއިޓީފޯ ފުޓްބޯލް ކުލަބު، ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ކޯރާ ކޯރާ މޯލްޑިވްސް އަދި ކުލަބު ހޯކްސް އިން ހޯދައިފިއެވެ. 

 ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެރެއެވެ.

މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފޯރިގަދަ މެޗުތަކަށްފަހު އެއިޓީފޯ ސެމީއަށް ދަތުރުކުރީ ވަރުގަދަ އެމްޓީސީސީ ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އެއިޓީފޯ ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅު އިސްމާޢީލް ވަޖީހު އެމްޓީސީސީއަށް ލީޑު ހޯދައިދީފައި ވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއިޓީފޯއަށް ނަތީޖާ އެއްވަރުކޮށްދިނީ އަޙްމަދު ހުސާމެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އެމްޓީސީސީގެ ސާމިން މުޙައްމަދު ނަސީރާއި އަލީ ޝިޔާހުގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމަށް ކާމިޔާބުކުރެވުނީ އަބްދުالله ޖުނައިދު ފޮނުވާލި ޕެނަލްޓީ އެކަނޏެވެ. އެއިޓީފޯގެ ހުސައިން ޝަރީފް، ހުސާމް، އަލީ ނަސީމް އަދި ހަމްދާން އަބްދުލް ސައްތާރު ވަނީ އެ ޓީމުގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

ސްޓެލްކޯއިން ސެމީގެ ޖާގައެއް ކަށަވަރުކުރީ އެސްޓީއޯ ރެކްރިއޭޝަން ކުލަބާ ވާދަކޮށް 2-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު މުޙައްމަދު ނަޒާމް ވަނީ ސްޓެލްކޯއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަސް މިނެޓު ފަހުން އެސްޓީއޯގެ ކެޕްޓަން މުޙައްމަދު އިމްރާން ހިލޭ ޖެހުމަކުން ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޝުއައިދު ސައީދު ވަނީ ސްޓެލްކޯ މޮޅުކޮށްދިން ލަނޑު ޖަހައިދީފައެވެ.

ކޯރާ ކޯރާ މޯލްޑިވްސްއިން ވަނީ ކޮންރެޑް މޯލްޑިވްސްގެ މައްޗަށް 4-0ގެ ފަސޭހަ މޮޅެއް ހޯދައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހިއިރު، މި ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް މައިސާން، ރައުލް ނިޔާޒް އަދި އިބްރާހީމް އަނާން އަލީއެވެ. މީގެ ތެރެއިން ރައުލްގެ ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗު ނިމެން ކައިރިވެފައި ވަނިކޮށް ރައުލް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑުވެސް ޖަހައިދީފައެވެ.

ސެމީ ފައިނަލްގެ ފަހު ޖާގަ ކުލަބު ހޯކްސްއިން ހޯދީ އުތީމު ފުޓްބޯލް ކުލަބު 4-2ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ހޯކްސްގެ އިޝާން އިބްރާހީމާއި އުތީމުގެ މުޙައްމަދު ސަޚާއު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހައި 2-2އިން އެއްވަރުވެފައި ވަނިކޮށް، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ހޯކްސްއަށް އަލުން ލީޑު ހޯދައިދިނީ ލޫތު އަޙްމަދު ފަތުހީއެވެ. އަދި ދެވަނަ ހާފުގައި މުޙައްމަދު ފާސިރު ވަނީ ހޯކްސްގެ ހަތަރުވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު