ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން ހުޅުވުމަށް ބާއްވާ "ކިންގްސް ކަޕް 2026"ގެ ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރާނެ ދެ ޓީމު ކަށަވަރުވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެކްޓަރ ލީގުގެ ޗެމްޕިއަން ކުލަބު ހޯކްސްއާއި އޮފީސް ލީގުގެ ރަން ތާޖު ހޯދާފައިވާ ސްޓެލްކޯ ރެކްރިއޭޝަން ކުލަބެވެ.
މި ދެ ބާރުގެ ކުރިމަތިލުން ފެނިގެންދާނީ އަންނަ އަންގާރަ ދުވަހުގެރޭ 21:00ގައެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ކުލަބު ހޯކްސްއިން ވަނީ އެއިޓީފޯގެ މައްޗަށް 6-1ގެ ބޮޑު ތަފާތަކުން ކުރިހޯދާފައެވެ. މި މެޗުގައި ހޯކްސްގެ މުޙައްމަދު ސާދު ނިޒާރު ތަފާތު މޮޅު ކުޅުމެއް ދައްކައި ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އުނައިސް ޒުބައިރު، އުލާން އަދި ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ފާސިރުއެވެ. އެއިޓީފޯއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އަޖުފާނެވެ.
ފައިނަލާ ހަމައަށް ހޯކްސް ކުރި ދަތުރަށް ބަލާއިރު، ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ 3-1އިން ބަލިކޮށް، ދެވަނަ މެޗުގައި ފީސްޑާ އަތުން 4-1އިން އެ ޓީމު މޮޅުވިއެވެ. ގްރޫޕްގެ ފަހު މެޗުގައި އެސްޓީއޯ އަތުން 1-0އިން ބަލިވި ނަމަވެސް، ކުއާޓާ ފައިނަލުގައި މުޙައްމަދު ފާސިރުގެ ނުރައްކާތެރި ކުޅުމާ އެކު އުތީމު އެފްސީ އަތުން 4-2އިން މޮޅުވެ ހޯކްސް ވަނީ ސެމީގެ ޖާގަ ހޯދާފައެވެ.
ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ފައިނަލަށް ދަތުރުކުރީ ދެވަނަ ސެމީ ފައިނަލުގައި މުބާރާތުގެ އަލަށް ވާދަކުރި ކޯރާ ކޯރާ މޯލްޑިވްސްއާ ވާދަކޮށް، ފޯރިގަދަ ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމވިއިރު 2-2އިން ދެ ޓީމު އެއްވަރުވެފައި އޮތް ނަމަވެސް، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްޓެލްކޯ ކުރިހޯދީ 4-3ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ކޯރާ ކޯރާގެ އިބްރާހީމް އަނާން އަލީ އާއި މުޙައްމަދު އަޝްރަފް ޖެހި ލަނޑުތަކުން އެ ޓީމު ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ދެވަނަ ހާފުގައި ސްޓެލްކޯއިން ވަނީ މުޙައްމަދު ވިލްފް އާއި ޝުއައިދު ސައީދުގެ ލަނޑުތަކުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ސްޓެލްކޯގެ މުޙައްމަދު ސަމާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، ވިލްފް، ރިމާހު، ނައުފަލް އަދި ޝުއައިދު ވަނީ އެ ޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދީފައެވެ. ކޯރާ ކޯރާގެ އަނާން، ޒަމީމް އަދި ނިޝާން ޕެނަލްޓީ ކާމިޔާބުކުރިއިރު، އެ ޓީމުގެ އަޝްރަފް އަދި ރައުލް ނިޔާޒް ފޮނުވާލި ޕެނަލްޓީތައް ސްޓެލްކޯއިން ވަނީ ދިފާއުކޮށްފައެވެ.
ސްޓެލްކޯއިން މުބާރާތް ފެށީ ގްރޫޕް ސީ ގައި ކްލަބް ބިނާރާ 4-1އިން ބަލިކޮށްގެންނެވެ. އޭގެ ފަހުން ކޮންރަޑް އަތުން 2-1އިން ބަލިވެ، އަދި ކޯރާ ކޯރާއާ 0-0އިން އެއްވަރުވެގެން އެ ޓީމު ނޮކްއައުޓް ބުރަށް ދިޔައީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ނަމަވެސް، ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ފޭވަރިޓް އެސްޓީއޯ ރެކްރިއޭޝަން ކްލަބު 2-1އިން ބަލިކޮށް، ސްޓެލްކޯއިން ވަނީ އެ ޓީމުގެ ތަޖުރިބާއާއި ވަރުގަދަކަން ސާބިތުކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.