ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން ނިންމާލުމުގެ ގޮތުން ހުޅުމާލޭ ރެހެންދި ދަނޑުގައި މިހާރު ކުރިއަށްދާ ސެކްޓަރ ލީގު 2026ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)އާއި ކުލަބު ހޯކްސްގެ އިތުރުން މާކޯ ރެކްރިއޭޝަނުން މުބާރާތުގެ ގަދަ ސޯޅައިގެ ޖާގަތައް ޔަގީންކޮށްފިއެވެ.
ވިހި ޓީމު ވާދަކުރާ މި މުބާރާތް ރާވާފައިވަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު އޮންނައިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމާއި، ފުލަށްދާ ފަސް ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އެއް ޓީމެވެ.
ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ގްރޫޕް ބީ ގައި ހިމެނޭ މާކޯ އަދި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ހޯކްސް ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ހޯކްސް އިން ކުލަބު ހެޕީ މާކެޓްގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯދީ 14-0ގެ ނަތީޖާއަކުންނެވެ. އަދި ކުލަބު ލޯކަލްޗަރ އާ ވާދަކޮށް މާކޯއިން މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގައި ހިމެނޭ ލޯކަލްޗަރ އަދި ހެޕީ މާކެޓަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގްރޫޕް އޭއިން އެމްއޭޑަބްލިއުސީ ވެސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެން ގަދަ ސޯޅަ ކަށަވަރުކޮށްފައެވެ. ރޭ އެޓީމު މޮޅުވީ ބިއޮންޑް ރެކްރިއޭޝަން ކުލަބާ ބައްދަލުކޮށް 3-0ގެ ނަތީޖާއަކުންނެވެ. ހަމަ މި ގްރޫޕުގައި ކުލަބު ވެލިގާގެ މައްޗަށް 1-0އިން ކުރިހޯދައިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ)ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ. މި ވަގުތު ވެލިގާ އާއި މިބްސާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު ބިއޮންޑް އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ.
ގްރޫޕް ސީ ގެ މެޗަށް ބަލާއިރު ކުލަބު އެސްބީއައި އިން ވަނީ ބަރޮސް މޯލްޑިވްސް ބަލިކޮށްފައެވެ. 3-1އިން އެސްބީއައި މޮޅުވިއިރު، މި ގްރޫޕުގެ ލިއޯ އެފްސީ، ބަރޮސް އަދި އެސްބީއައިއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ ފުލުގައި އޮތް ކުލަބު އެޕޯލޯއަށް ޕޮއިންޓެއް ނުލިބެއެވެ.
މީގެ އިތުރުން ގްރޫޕް ޑީ ގައި އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް އިން ޔޫރޯ ރެކްރިއޭޝަން ކުލަބު ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގެ އެރީނާ، އާރްއޯއެލް އަދި ސިލްވަރ ސޭންޑްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓެއް ނެތި ފުލުގައި އޮތީ ޔޫރޯއެވެ. މުބާރާތުގެ އިތުރު ހަތަރު މެޗެއް މާދަމާ ރޭ ވެސް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.