ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026ގެ ގަދަ ސޯޅައިގެ ފުރަތަމަ މެޗުތައް ރޭ ކާމިޔާބުކޮށް، މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)، ކުލަބު ހޯކްސް، ލިއޯ އެފްސީގެ އިތުރުން ކުލަބު ވެލިގާއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގައި ރޭ ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ ނެރެފައި ވަނީ، އެންމެ ފަހުގެ މުބާރާތުގެ ދެވަނަ ހޯދި ހޯކްސްއިންނެވެ. އާރްއޯއެލްއާ ވާދަކޮށް 11-0ގެ ބޮޑު ތަފާތަކުން ހޯކްސް މޮޅުވި މި މެޗުގައި އެ ޓީމުގެ މުޙައްމަދު ނާއިމް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން އިބްރާހީމް ނަދާދު އާއި އަޙްމަދު އައިހަމް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރިއިރު، ބާކީ ލަނޑުތައް ޖަހައިދިނީ ހުސައިން ސުހާދު ސުހާން، އުލާން، ހޫދު އަޙްމަދު ފަތުހީގެ އިތުރުން ހަސަން ރަޝީދެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޔޫރޯ ރެކްރިއޭޝަން ކުލަބުގެ މައްޗަށް އެމްއޭޑަބްލިއުސީން ކުރިހޯދީ 6-2ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވެސް އެމްއޭޑަބްލިއުސީގެ ޢަބްދުالله ރިޒާން މުޙައްމަދު ހެޓްރިކެއް ހެދިއިރު، އާދަމް ޝަހީމް ދެ ލަނޑު އަދި އަޙްމަދު ހައިޒަމް އަންވަރު އެއް ލަނޑު ޖެހިއެވެ. ޔޫރޯގެ ދެ ލަނޑު ކާމިޔާބުކުރީ އަޙަމްދު ރިޒާން އާއި ޢަލީ އިޒްވާނެވެ. އަނެއްކޮޅުން ކުލަބު ލޯކަލްޗަރ އަތުން ލިއޯ މޮޅުވީ 4-2އިންނެވެ. ލިއޯގެ ޢަބްދުالله ފިޒާމް ވެސް މި މެޗުގައި ހެޓްރިކް ހެދިއިރު، ހަތަރުވަނަ ލަނޑު ޖެހީ މުޙައްމަދު ޔަފާއުއެވެ. ލޯކަލްޗަރގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފައިޒާން ފަޒީން އާއި އަޙްމަދު އަތުވާން ޢަލީއެވެ.
ގަދަ ސޯޅައިގެ ފުރަތަމަ ރޭ ކުޅުނު ފަހު މެޗުގައި ކުލަބު އެސްބީއައިއާ ވާދަކޮށް ވެލިގާއިން ކުއާޓާގެ ޖާގަ ޔަގީންކުރީ 4-2އިން ކުރިހޯދައިގެންނެވެ. ވެލިގާއަށް އައްޒާމް ނިޔާޒް އަދި އަޙްމަދު ޝަޒީމް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހައިދިންއިރު، އެސްބީއައިގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަޙްމަދު ތަހުޝީނެވެ.
މި މުބާރާތުގެ ގަދަ 16ގެ ބާކީ ހުރި މެޗުތައް މިރޭ ކުރިއަށްދާނެއެވެ. އެގޮތުން މިރޭ 20:30ގައި ސިލްވަރ ސޭންޑްސް އާއި ބަރޮސް ބައްދަލުކުރާއިރު، ހަމަ އެ ގަޑީގައި އާރުސީސީ ނުކުންނާނީ މެޑްޓެކްއާ ދެކޮޅަށެވެ. އަދި ރޭގަނޑު 22:00ގައި މިބްސާ އާއި މީޑިއާނެޓު ވާދަކުރާއިރު، އެރީނާ ހޮޓެލްސްއާއި މާކޯ ވެސް ބައްދަލުކުރާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.