ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ކުލަބު އާރުސީސީގެ މައްޗަށް 11-3ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ކުލަބް މޯލްޑިވްސްގެ މިއަހަރުގެ ފަހު މުބާރާތް ކަމަށްވާ "ސެކްޓަރ ލީގު 2026"ގެ ޗެމްޕިއަންކަން ކުލަބު ހޯކްސްއިން ކާމިޔާބުކޮށްފިއެވެ.
ވިހި ޓީމު ވާދަކުރި މި މުބާރާތުގެ ތަށި ހޯކްސްއިން އުފުލާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. މިއީ އެ ޓީމު ސެކްޓަރ ލީގުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ނިމިދިޔަ އަހަރުގެ ފައިނަލުގައި އެރީނާ ހޮޓެލްސް އަތުން 1-0އިން ވަނީ ބަލިވެފައެވެ. ނަމަވެސް، މި ފަހަރުގެ މުބާރާތުގައި ހޯކްސްއިން ދައްކާފައިވަނީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ.
ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައިރު، މެޗުގެ ފޯރި ގަދަވެގެންގޮސް ތިން ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އާރުސީސީގެ އިބްރާހީމް ސިނާހުއާއި ގޯލްކީޕަރު ހުސައިން ސާއިލްގެ އިތުރުން ހޯކްސްއަށް ކުޅޭ އެ ޓީމުގެ ކެޕްޓަން މުޙައްމަދު ނާއިމެވެ.
ހޯކްސްއިން މެޗުގައި ޖެހި އެގާރަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމްއެވެ. އުލާން ދެ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ތޯހިރު، ހުސައިން މައިޝާން، އިބްރާހީމް ނަދާދު، ލޫތު އަޙްމަދު ފަތުހީ އަދި ހަސަން ރަޝީދެވެ. އާރުސީސީން ކާމިޔާބުކުރި ތިން ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އާހިލް ނަޒީރު، އަހުސަން ރާޝިދު އަދި ޢަބްދުالله ޒިޔާނެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ސެކްޓަރ ކިންގ"ގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ޖުމްލަ 15ގޯލު ކާމިޔާބުކުރި ހޯކްސްގެ އައިހަމްއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ހޯކްސްގެ ނާއިމް، އައިހަމް، އުލާން އަދި ގޯލްކީޕަރު މުޙައްމަދު ސަލީލްގެ އިތުރުން އާރުސީސީގެ ޒިޔާނެވެ. އެންމެ މޮޅު ކޯޗަކަށް ހޯކްސްގެ ޢަބްދުالله ނަސީރު ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިއަކީ ހޯކްސްގެ އިބްރާހީމް ނަދާދެވެ. މީގެ އިތުރުން ފެއާޕްލޭ ޓީމަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ)ހޮވުނުއިރު، އެންމެ މޮޅު ސަޕޯޓިންގ ޓީމުގެ މަގާމު ލިބުނީ އާރުސީސީއަށެވެ.
ސެކްޓަރ ލީގުގެ ނިމުމާ އެކު މިއަހަރުގެ ކުލަބު މޯލްޑިވްސް ސީޒަން ނިމިފައިވާއިރު، ޖުމްލަ ހަތް މުބާރާތް ވަނީ ބާއްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.