ކްލަބް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ ސެކްޓަރ ލީގު 2026ގައި ރޭ ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާ ނެރެ، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ)އާއި ކުލަބު ވެލިގާގެ އިތުރުން ކުލަބު ލޯކަލްޗަރ، ކުލަބު އެސްބީއައި އަދި ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަތައް ޔަގީންކޮށްފިއެވެ.
ވިހި ޓީމާއެކު ފަސް ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގަދަ ސޯޅައަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ގަދަ ތިން ޓީމެވެ. އަދި ބާކީ އޮންނަ އެންމެ ފަހު ޖާގަ ލިބޭނީ ގްރޫޕްތަކުގެ ފުލަށްދާ ފަސް ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކަށެވެ.
ގްރޫޕް އޭ އަށް ބަލާއިރު، ރޭ ބިއޮންޑް ރެކްރިއޭޝަން ކުލަބުގެ މައްޗަށް 6-1ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ކުރި ހޯދައިގެން މިބްސާ ވަނީ ހަ ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމު ހޯދާފައެވެ. މި ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓް ހޯދި މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)އެވެ. ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-2އިން ވެލިގާ ބަލިކޮށްފައެވެ. މެޗުން ބަލިވި ނަމަވެސް ތިން ޕޮއިންޓާއެކު ވެލިގާއަށް ވަނީ ގްރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ލިބިފައެވެ. މި ގްރޫޕުން ބިއޮންޑް ކަޓާފައި ވަނީ ޕޮއިންޓެއް ނުލިބިއެވެ.
ގްރޫޕް ބީ ގައި ރޭ ކުލަބު ލޯކަލްޗަރ އިން ވަނީ ކުލަބު ހެޕީ މާކެޓް 5-1އިން ބަލިކޮށް، ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި ގަދަ ސޯޅައަށް ދަތުރުކޮށްފައެވެ. މި ގްރޫޕުން އެއްވަނަ ހޯދީ ރޭ މާކޯ ރެކްރިއޭޝަން ކުލަބު 5-0އިން ބަލިކުރި ކުލަބު ހޯކްސްއެވެ. ހޯކްސްއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައަށް ދިޔަ މާކޯއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ދެ ޓީމަށްވެސް ރޭގެ މެޗާ ކުރިމަތިލިއިރު އޮތީ އަނެއް ބުރުގެ ޖާގަ ޔަގީންވެފައެވެ.
މީގެ އިތުރުން ގްރޫޕް ސީ ގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ކުލަބު އެޕޯލޯގެ މައްޗަށް 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެން އެސްބީއައި ވަނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ހޯދާފައެވެ. އަދި ބަރޮސްގެ މައްޗަށް 3-0އިން ކުރިހޯދައި ލިއޯ އެފްސީން ވަނީ ގްރޫޕްގެ އެއްވަނަ ނުވަ ޕޮއިންޓާއެކު ޔަގީންކޮށްފައެވެ. ބަރޮސްއަށް ތިން ޕޮއިންޓާއެކު ތިންވަނަ މަގާމު ލިބުނުއިރު އެ ޓީމަށްވެސް ވަނީ މުބާރާތުގެ ގަދަ ސޯޅައިގެ ޖާގަ ކަށަވަރުވެފައެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ ސެކްޓަރ ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅޭ އެންމެ ފަހުގެ މެޗުތައް މިރޭ ރެހެންދި ދަނޑުގައި ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.