ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026ގެ ފައިނަލުގައި ރޭ ކުލަބު ހޯކްސް ބަލިކޮށް ސްޓެލްކޯ ރެކްރިއޭޝަން ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު ސްޓެލްކޯއިން ކާމިޔާބުކުރީ 7-4ގެ ނަތީޖާއަކުންނެވެ. މިދިޔަ ދެ އަހަރުގެ އޮފީސް ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން މި މުބާރާތުގައި ވާދަކުރި ސްޓެލްކޯއިން ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސްޓެލްކޯއިންނެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޒާމެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ސްޓެލްކޯގެ ހަވަނަ ފައުލާ އެކު ލިބުނު ދުރު ޕެނަލްޓީއަކުން މުޙައްމަދު ފާސިރު ވަނީ ހޯކްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޝުއައިދު ސައީދު ސްޓެލްކޯއަށް އަލުން ލީޑު ހޯދައިދިން ނަމަވެސް، އޭގެ އަށް މިނެޓު ފަހުން ސާދު ނިޒާރު ވަނީ ހޯކްސްއަށް އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ސްޓެލްކޯގެ ކެޕްޓަން އިބްރާހީމް ރިމާހު ވަނީ އެޓީމަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ރިމާހު އިތުރު ލަނޑެއް ޖަހައި ސްޓެލްކޯގެ ލީޑު ފުޅާކޮށްދިން ނަމަވެސް، ޕަވަރ ޕްލޭގެ ބޭނުން ހިފައިގެން މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ހޫދު އަޙްމަދު ފަތުހީ ވަނީ ހޯކްސްއަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން ޝުއައިދު ސްޓެލްކޯގެ ފަސްވަނަ ލަނޑު ޖެހުމުގެ ކުރިން، އޭރިއާ ތެރެއިން ސްޓެލްކޯގެ މުޙައްމަދު ވިލްފުގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ހޯކްސްއިން ވަރަށް ބޮޑަށް އެޕީލްކުރިއެވެ. މި މައްސަލައިގައި ކުޅުން މެދުކެނޑި، އަލުން ފެށިއިރު ރެފުރީ ވަނީ ހޯކްސްގެ ދެ އޮފިޝަލަކަށް ރަތް ކާޑު ދައްކާފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ސާދު ހޯކްސްއަށް ހަތަރުވަނަ ލަނޑު ޖަހައިދިން ނަމަވެސް، މެޗުގެ ފަހުކޮޅު ސްޓެލްކޯއިން ވަނީ އިތުރު ދެ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ނަޒާމްގެ އިތުރުން މުޙައްމަދު ސިރުހާނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ސުލްތާން އޮފް ފުޓްސަލް"ގެ ޝަރަފު ވެސް ހޯދީ ސްޓެލްކޯގެ ކެޕްޓަން ރިމާހެވެ.
ޖުމްލަ 12ޓީމު ވާދަކުރި މިއަހަރުގެ ކިންގްސް ކަޕަކީ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި ކުޅުމަށް ހަމަޖެހިފައިވާ ހަތް މުބާރާތުގެ ތެރެއިން ނިމިގެންދިޔަ ފުރަތަމަ މުބާރާތެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.