ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކިންގްސް ކަޕް: ޗެމްޕިއަން އާރްއާރްސީ ކަޓައި، އުތީމާއި އެއިޓީފޯ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

މިދިޔަ އަހަރުގެ ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)މި އަހަރުގެ ކިންގްސް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައި، ތަށި ދިފާއުކުރުމުގެ އުއްމީދުތައް ފެނަށް ގޮސްފިއެވެ. 

 އާރްއާރްސީ މުބާރާތުން ކެޓީ ރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗުތަކުގެ ނަތީޖާ ނިކުތް ގޮތުންނެވެ. މި ގްރޫޕުން ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދީ އުތީމު އެފްސީ އާއި އޭދަފުށީގެ އެއިޓީފޯ އެފްސީއެވެ.

ކުއާޓާގެ ޖާގައެއް ހޯދުމަށް އާރްއާރްސީއަށް އޮތް ހަމައެކަނި އުއްމީދަކީ އެއިޓީފޯ އަތުން އުތީމު ބޮޑު ތަފާތަކުން ބަލިވުމެވެ. ނަމަވެސް، ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި 3-1ގެ ނަތީޖާއަކުން އެއިޓީފޯ ބަލިކޮށް އުތީމުން ވަނީ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގައި އެއިޓީފޯގެ އަހުމަދު ހުސާމް ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް، އުތީމުން މެޗު އަނބުރާލީ މުހައްމަދު މަޒީން، މުހައްމަދު މުއާދު އަދި މުހައްމަދު ރިޝްމީ ކާމިޔާބުކޮށްދިން ގޯލުތަކުންނެވެ.

މި މޮޅާ އެކު އުތީމަށް ގްރޫޕްގެ ދެވަނަ ލިބުނުއިރު، އެއިޓީފޯ ބަލިވި ނަމަވެސް ބައިކޮޅަށް ވަން ގޯލު މަދުވުމުގެ ސަބަބުން ގޯލުގެ ތަފާތުން ކުރި ހޯދައި، ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ކުއާޓާގެ ފަހު ޖާގަ އެޓީމަށް ލިބުނެވެ. އެއިޓީފޯއާއި އާރްއާރްސީ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ގޯލުގެ ތަފާތުން ކުރި ލިބުނީ އެއިޓީފޯ އަށެވެ.

މި ގްރޫޕްގެ އެއްވަނަ ހޯދި ކްލަބް އެމްޓީސީސީން ވަނީ ރޭ ކުޅުނު މެޗުގައި ޓީމު އެޗްޕީއެސްއެން އަތުން 5-0ގެ ބޮޑު މޮޅެއް ހޯދާފައެވެ. މި މެޗުގައި އެމްޓީސީސީއާ އަލަށް ގުޅުނު ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ނޭތަން ސޯރޭސް ވަނީ އޭނާގެ ފުރަތަމަ މެޗުގައި ހެޓްރިކެއް ހަދާފައެވެ. އެމްޓީސީސީގެ އަނެއް ދެ ލަނޑު ޖަހައިދިނީ އަލީ ޝިޔާހު (ޝިޔަޅޭ)އާއި އަލީ މާއިސް (މައްޓު)އެވެ. އެމްޓީސީސީން ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9ޕޮއިންޓާއެކުއެވެ. އުތީމަށް 6ޕޮއިންޓް ލިބުނުއިރު، އެއިޓީފޯ އަށް ލިބުނީ 3ޕޮއިންޓެވެ. އަދި އެޗްޕީއެސްއެން މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮވެގެންނެވެ.

ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު، ކުއާޓާ ފައިނަލުން ޖާގަ ހޯދި އަށް ޓީމަކީ އެމްޓީސީސީ، އުތީމު، އެއިޓީފޯ، އެސްޓީއޯ، ހޯކްސް، ކޯރާކޯރާ މޯލްޑިވްސް، ކޮންރެޑް މޯލްޑިވްސް އަދި ސްޓެލްކޯއެވެ. މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ޖޫން 9ގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޖޫން 12ގައެވެ. އަދި ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 16ވާ އާދިއްތަ ދުވަހުގެރޭއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު