ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަންގްލަދޭޝްގެ އަމާޒަކީ އަދިވެސް މުބާރާތުގެ ފައިނަލްކަމަށް ކޯޗު ބުނެފި

ޝެއާ ކުރޭ Facebook Telegram Viber X

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމާޒު ބަންގްލަދޭޝްއަށް އަދިވެސް އެބައޮތް ކަމަށާއި، ޓީމުގައި ހުރި މައްސަލަތައް ކުރިއަށް އޮތް މެޗުގައި ހައްލުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު މަރްފުލް ހައްގު ބުނެފިއެވެ.

އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ، މީޑިއާގެ ވާހަކަތަކާ ހިލާފަށް ބަންގްލަދޭޝް މުބާރާތަށް އައީ ތަށި ހިފައިގެން ދިއުމުގެ ވަރުގަދަ އަޒުމެއްގައެވެ.

ޓީމުގެ މިސްރާބު އަދިވެސް ހުރީ ރަނގަޅަށް ކަމަށް ފާހަގަކޮށް ކޯޗު ބުނީ ބައެއް ގޯސްތައް ހެދިފައިވީ ނަމަވެސް، ކުރިއަށް އޮތް މެޗުގައި އެކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި:

"މިކޮޅަށް އައި އިރުވެސް އަހަރެން ބުނިން، އަހަރުމެންގެ އަމާޒަކީ ފައިނަލުގައި ކުޅެ، ޗެމްޕިއަންކަން ހޯދުމޭ. އަހަރެން ގަބޫލުކުރަނީ އަދިވެސް އަހަރުމެނަށް މި ދެވެނީ ރަނގަޅު މިސްރާބަށް ކަމަށް. ބައެއް މިސްޓޭކުތައް އެބަހުރި. އެކަމަކު ކުރިއަށް އޮތް މެޗުގައި އެކަންތައް ހައްލުކުރެވޭނެ ކަމަށް ދެކެނީ."

އަފްޣާނިސްތާނާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުމަށް ކޯޗު ވަނީ ތައުރީފުކޮށްފައެވެ. އަދި ޕާކިސްތާނު މެޗުގައި ރަތް ކާޑު ދެއްކުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރި ޓީމުގެ ކެޕްޓަން، ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން ފެންނާނެތޯ ސުވާލުކުރުމުން ކޯޗު ބުނީ، މިއަދުގެ މެޗުގައި ބޭނުންކުރި ޑިފެންސްލައިން ދެން އޮތް މެޗުގައި ވެސް ބޭނުންކުރުން އެކަށީގެންވާ ކަމަށާއި، ނުވަތަ ކެޕްޓަން އަލުން ސްކޮޑަށް ގެނައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަވީރު 16:00ގައި ޕާކިސްތާނާއި އަފްޣާނިސްތާނު ބައްދަލުކުރާއިރު، ރޭގަނޑު 21:00ގައި ބަންގްލަދޭޝް ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 10ވަނަ ދުވަހުގެ ރޭ 21:00ގައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު