ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅެމުންދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި އަފްޣާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
މި ނަތީޖާއާއެކު، މުބާރާތުގައި ވާދަކުރާ ހަތަރު ގައުމުގެ ތެރެއިން މުބާރާތް ބާއްވާ ރާއްޖެ ފިޔަވައި ދެން އޮތް ތިން ގައުމަށް ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
މި މެޗު ފެށިގެން ފުރަތަމަ 15 މިނެޓުގައި މުޅި ޓީމު ކުރިއަށް ޖައްސައިގެން މޮޅު އެޓޭކިން ގޭމެއް ކުޅެ، މެޗު ޑޮމިނޭޓުކުރީ އަފްޣާނިސްތާނުންނެވެ. ނަމަވެސް، މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ބަންގްލަދޭޝްއިން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. މިއާ އެކު ދެ ޓީމުން ވެސް ލަނޑެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، އިދިކޮޅު ގޯލަށް ނުރައްކާ ކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނުއިރު، މި ހާފުގައި އަފްޣާނަށް ވުރެ ބޮޑަށް ނުރައްކާކުރީ ބަންގްލަދޭޝްއިންނެވެ. އެގޮތުން ދެވަނަ ހާފުގެ 10ވަނަ މިނެޓުގައި ބަންގްލަދޭޝްގެ އެމްޑީ ރާބީ ޙުސެއިން ރާހުލް އޭރިއާ ތެރެއިން ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭނާ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހުނުއިރު އަފްޣާނުގެ ކީޕަރަށް ހުރެވުނީ ބޯޅައަށް ބަލަހައްޓައިގެންނެވެ.
މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދާއިރު، ދެވަނަ ދުވަހުގެ މެޗްތަކަށް ފަހު ތާވަލުގެ އެއްވަނައިގައި އޮތީ ޕާކިސްތާނެވެ. އެއީ ކުޅުނު ދެ މެޗުން ލިބުނު 4 ޕޮއިންޓާ އެކު، ފައިދާ ގޯލުގެ ތަފާތުން އަފްޣާނިސްތާނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެވަނައިގައި އޮތް އަފްޣާނަށް ވެސް 4 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ތާވަލުގެ ފުލުގައި ރާއްޖެ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ލީގު ބުރުގެ ފަހު މެޗުތަކަށް ދާއިރު، ބަންގްލަދޭޝްއަށް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތީ ފަހު މެޗުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. އޭރުން އެ ޓީމަށް ފަސް ޕޮއިންޓް ހަމަކުރެވޭނެއެވެ. އަދި އަނެއްކޮޅުން ޕާކިސްތާނާއި އަފްޣާނިސްތާން ބައްދަލުކުރާ މެޗުން ނުކުންނަ ނަތީޖާއަކުން އެ ދެ ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.