ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަންގްލަދޭޝް އައީ ހަމައެކަނި ތަޖުރިބާ ހޯދަން ނޫންކަން ސާބިތުކޮށްދީފި

ޝެއާ ކުރޭ Facebook Telegram Viber X

ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމަކީ ހަމައެކަނި ތަޖުރިބާ ހޯދުމުގެ ވިސްނުމުގައި އައި ޓީމެއް ނޫންކަން، ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ދެއްކި ކުޅުމުން ސާބިތުކޮށްދީފި ކަމަށް އެ ގައުމުގެ ކޯޗު މަރްފުލް ހައްކު ބުނެފިއެވެ. 

 ޒުވާން ކުޅުންތެރިން ގޮވައިގެން ރާއްޖެ އައި ބަންގްލަދޭޝް ޓީމުން ވަނީ ޕާކިސްތާނާ ވާދަކޮށް މެޗު އެއްވަރުކޮށްފައެވެ.

ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުންނާއި އެހެން ބައެއް ފަރާތްތަކުން މި މުބާރާތް ސިފަކޮށްފައި ވަނީ އެ ގައުމުގެ ޒުވާން ކުޅުންތެރިންނަށް މެޗު އެކްސްޕީރިއަންސް ހޯދައިދޭން ބައިވެރިވާ "ތަޖުރިބާ ދަތުރެއް"ގެ ގޮތުގައެވެ. ނަމަވެސް، މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކޯޗު މަރްފުލް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ފުރަތަމަ މެޗަށްފަހު ވާހަކަދައްކަމުން އޭނާ ވަނީ ޓީމުގެ އަމާޒަކީ ފައިނަލް ކަމަށް ބުނެފައެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު މަރްފުލް ބުނީ:

"ކުރިން ވެސް އަހަރެން ބުނިން، އަހަރުމެންގެ ގޯލާއި ޓާގެޓު ވަރަށް ސާފޭ. މިއީ ހަމައެކަނި ބައިވެރިވެލާ، ތަޖުރިބާ ހޯދާލަން އައި މުބާރާތެއް ނޫނޭ. އަހަރުމެން މި މުބާރާތަށް އައީ ފައިނަލުގައި ކުޅެން ކަނޑައަޅައިގެން. މިއަދުގެ މެޗުގައި އެ ފެނުނީ އެތަން. ޕްލޭނާ އެއްގޮތަށް ވަރަށް ރަނގަޅަށް އަހަރުމެން މެޗު ފެށީ. ޖިސްމާނީ ގޮތުން ވަރަށް ވަރުގަދަ ޕާކިސްތާން ކުޅުންތެރިން. ވަރަށް މޮޅަށް ކުޅުނު އެމީހުން ވެސް. އެކަމަކު އަހަރުމެން ވެސް ވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިން. މި ޓީމާއެކު ތަނަވަސްކުރެވޭނީ މަދު ފުރުސަތުތަކެއް. އެހެން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ. އެކަން މިއަދު ނުވީ"

ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ފަހު 30މިނެޓު ބަންގްލަދޭޝްއިން ފުރިހަމަކުރީ ކުޅުންތެރިއަކު މަދުކޮށެވެ. އެހެންނަމަވެސް، އެ ހާލަތުގައި ވެސް ޓީމުން ދެއްކި ހިތްވަރާއި މޮޅު ކުޅުމަށް ކޯޗު ވަނީ ތައުރީފުކޮށްފައެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ބަންގްލަދޭޝް ދެން ނުކުންނާނީ މި މަހުގެ ތިންވަނަ ދުވަހުގެރޭ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު