ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ސެން މެރީނޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 2-1ގެ ނަތީޖާއަކުން މޮޅުވެ، ބަންގްލަދޭޝްއިން ޔޫރަޕްގެ ފަސްގަނޑެއްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
ސެން މެރީނޯގެ ސެރަވޭލްގައި އިއްޔެ ކުޅުނު މި މެޗަކީ ޔޫރަޕްގެ ގައުމަކާ ދެކޮޅަށް ބަންގްލަދޭޝްއިން ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. އަދި މިއީ މި ދެ ގައުމު ފުޓްބޯޅައިގައި ބައްދަލުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.
މިއީ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި ތޯމަސް ޑޫލޭގެ އިރުޝާދުގެ ދަށުން އެ ގައުމުން ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. މި މެޗަށް ޓީމު ނެރުނުއިރު ޑޫލޭ ވަނީ މީގެ ކުރީގެ ކޯޗު އާންމުކޮށް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭ އެ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާންއަށް ފުރަތަމަ ޓީމުން ޖާގަ ދީފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންނދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ބަންގްލަދޭޝްއިންނެވެ. މެޗުގެ 19ވަނަ މިނިޓުގައި ޝޭހް މުރްސަލީން އަރިމަތިން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯޕޫއެވެ. ނަމަވެސް، މެޗުގެ 31ވަނަ މިނިޓުގައި ސެން މެރީނޯގެ ނިކޮލަސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުން ބަންގްލަދޭޝް މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ހަތަރު މިނިޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ވެސް އެ ގައުމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ޓޯޕޫއެވެ. މި ގޯލާ އެކު ބަންގްލަދޭޝްއިން ވަނީ ޔޫރަޕްގެ ފަސްގަނޑުގައި އެ ގައުމުގެ ފުރަތަމަ މޮޅު ކަށަވަރުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.