ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައުމީ ޓީމަށް 100 މެޗު ހަމަކޮށް ދަގަނޑޭ ސެންޗަރީ ކްލަބަށް

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުގެ ޖާޒީގައި 100 މެޗު ހަމަކޮށް، ރާއްޖޭގެ ފުޓްބޯޅަ ތާރީޚުން ރަން އަކުރުން ޖާގަ ހޯދައިފިއެވެ.

 އޭނާ މި ތާރީޚީ ޝަރަފު ހާސިލްކުރީ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި" މިރޭ އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައެވެ.

މިރޭ މެޗުގެ 84ވަނަ މިނެޓުގައި ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ)ގެ ބަދަލުގައި ދަގަނޑޭ ކުޅެން އެރި ވަގުތަކީ ދަނޑަށް އެއްވެ ތިބި ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިގެންދިޔަ ވަގުތެކެވެ. ދަނޑުގެ ހުރިހާ ސަޕޯޓަރުން ކޮޅަށް ތެދުވެ އަތްތަޅައި، މި ލެޖެންޑަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިއާ އެކު ދަގަނޑޭ ވެގެންގޮސްފައި ވަނީ ގައުމީ ޓީމަށް 100 މެޗު ހަމަކޮށްދިން ދެވަނަ ދިވެހި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައި ވަނީ 1999 އިން 2016އަށް ގައުމީ ޓީމަށް 111 މެޗު ކުޅެދިނުމަށް ފަހު ރަސްމީކޮށް ކުޅުން ހުއްޓާލި ކުރީގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދެވެ. ގައުމީ ޓީމަށް 2003ވަނަ އަހަރު ކުޅެން ފެށި ދަގަނޑޭ އަކީ ވޭތުވެދިޔަ ދިގު މުއްދަތުގައި ރާއްޖޭގެ ޓީމުގެ އެންމެ މުހިންމު އެއް ތަނބެވެ.

ގައުމީ ޓީމަށް ކުޅެދިން މެޗުތަކުގައި 58 ލަނޑު ޖަހައިގެން ރާއްޖޭގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ދަމަހައްޓަމުން އަންނަ ދަގަނޑޭއަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދި 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ސާފް މުބާރާތުގެ ތާރީޚުގައި 23 ލަނޑާ އެކު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ވެސް އޮތް ދަގަނޑޭ ވަނީ 2013 ވަނަ އަހަރުގެ ސާފް މުބާރާތުގައި ސްރީލަންކާ ކޮޅަށް އެއް މެޗެއްގައި ހަ ގޯލު ޖަހައިފައެވެ. މީގެ އިތުރުން، 2008 އަދި 2009 ވަނަ އަހަރު އޭއެފްސީން ހޮވި އޭޝިއާގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ.

ދެކުނު އޭޝިއާގެ ސަރަހައްދަށް ބަލާއިރު، މިހާތަނަށް 100 މެޗު ހަމަކުރެވުނީ އެންމެ ހަ ކުޅުންތެރިންނަށެވެ. އެއީ ރާއްޖޭގެ އިމްރާނާއި ދަގަނޑޭގެ އިތުރުން، އިންޑިއާގެ ސުނިލް ޗެތުރީ އާއި ބައިޗުން ބުޓިއާ، އަދި ނޭޕާލުގެ ރޯހިތު ޗާންދްއާއި ކިރަން ޝެމްޝޮންއެވެ. ފަހަކަށް އައިސް އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ ބައެއް މެޗުތައް ގެއްލުނު ނަމަވެސް، ދަގަނޑޭ ދަނޑުމަތީގައި ދައްކުވައިދޭ ތަފާތު ހުނަރަށް އެއްވެސް ބަދަލެއް ނާދެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު