ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޤައުމީ ޓީމަށް ހިތްވަރުދީ ދަނޑު ފުރާލުމަށް އަލީ އަޝްފާޤް އެދިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވީހާ ވެސް ގިނަ ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެ، ޤައުމީ ޓީމަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ތާރީޚު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އިލްތިމާސްކޮށްފިއެވެ.

 ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 1އިން 11އަށެވެ. ރާއްޖޭގެ އިތުރުން އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާން ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ޤައުމީ ފުޓުބޯޅަ ދަނޑުގައެވެ.

މި މުބާރާތާ ކުރިމަތިލާއިރު، ސަޕޯޓަރުންގެ މުހިންމުކަން ފާހަގަކުރަމުން އަޝްފާޤް ބުނީ، ދަނޑުން ލިބޭ ސަޕޯޓަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. 

"އަޅުގަނަޑަށް ހީވަނީ އަޅުގަނޑު ކުޅެން އަރާ ހުންނައިރު ދަނޑުން އެ ލިބޭ ސަޕޯޓު ލިބުނީމަ އިތުރު ހިތްވަރެއް ލިބޭ ކަންނޭނގެ ކުޅެން ހުންނައިރު ވެސް. 12 ވަނަ ކުޅުންތެރިޔާއޭ އެ ކިޔަނީ ވެސް ކޮންމެވެސް ކަމެއް ވީމަ. އަޅުގަނޑު އުއްމީދުކުރަން މި މުބާރާތުގައި ވެސް ދަނޑު ހަމަ ފުރާލާނެކަމަށް" އަޝްފާޤް ބުންޏެވެ.

ޤައުމީ ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އަޝްފާޤް ބުނީ، ޕްރެކްޓިސް ކުރަން ލިބުނު މުއްދަތު ކުރުވުމާއި، ދަނޑުގެ ދަތިތަކުގެ އިތުރުން ތަމްރީނު ކޭމްޕެއް ކުރިއަށް ނުގެންދެވުމުގެ އުނދަގޫތަކެއް ހުރި ނަމަވެސް، ޓީމާ މެދު ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ. ޒުވާން ކުޅުންތެރިން ގިނަ މި ޓީމުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި އިދިކޮޅު ޓީމުތަކަށް ވިސްނުމުގެ ބަދަލުގައި، އަމިއްލަ ކުޅުން ރަނގަޅުކޮށް، އަމިއްލަ ގޭމް ކުޅުމަށް ސަމާލުކަން ދިނުން މުހިންމުކަން އޭނާ ފާހަގަކުރިއެވެ.

މި މުބާރާތަކީ އަޝްފާޤްގެ ފުޓުބޯޅަ ކެރިއަރުގައި ވެސް ތާރީޚީ މުބާރާތަކަށް ވެގެންދާނެއެވެ. އެއީ މިހާތަނަށް ޤައުމީ ޓީމަށް 99 މެޗު ކުޅެދީފައިވާ އަޝްފާޤް، އޭނާގެ 100 ވަނަ މެޗު މި މުބާރާތުގައި ކުޅޭނެތީއެވެ. މިއާ އެކު އޭނާ ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި 100 މެޗު ހަމަކުރާ ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން މި ޝަރަފު ހޯދާފައިވަނީ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދު (އިންމަ) އެކަންޏެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ބަންގްލަދޭޝްއާއި ޕާކިސްތާން ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު