ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަންގްލަދޭޝްއާއި ޕާކިސްތާން އެއްވަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ފުޓްބޯޅައިގެ 75ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ފެށި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗުގައި، ބަންގްލަދޭޝްއާއި ޕާކިސްތާން ވާދަކުރި މެޗު 0-0އިން އެއްވަރުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ބޮޑު ބައެއް ބަންގްލަދޭޝްއިން ފުރިހަމަކުރީ ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ 62ވަނަ މިނިޓުގައި ބަންގްލަދޭޝްގެ ކެޕްޓަން މޮންޖުރޫރް ރަހުމާނަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތް ވަގުތެއްގައި ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓްއަށް ހަމަލާދިނުމާ ގުޅިގެންނެވެ. މިއާއެކު މެޗުގެ ފަހު 30 މިނިޓު ބަންގްލަދޭޝްއިން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ.

ގަދަ ހޫނުގައި ކުޅުނު މި މެޗުގައި އެވްރެޖްކޮށް 23 އަހަރުގެ ޒުވާން ސްކޮޑަކާއެކު ނުކުތް ބަންގްލަދޭޝްއިން ވަނީ ޕާކިސްތާނުގެ ތަޖުރިބާކާރު ކުޅުންތެރިންނާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އެ ޓީމުގެ އިފްތިއާރު ހުސެއިން އޭރިއާ ތެރެއިން ފޮނުވާލި ނުރައްކާތެރި ހަމަލާ ޕާކިސްތާނުގެ ކީޕަރު ޔޫސުފް ބަޓް ދިފާއުކުރިއިރު، ނަޒްމުލް ހުދާ ފައިސަލް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މީގެ އިތުރުން ޕާކިސްތާނުގެ ފޯވާޑް އޯޓީޒް ހާން ވެސް ވަނީ ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު ފުރުސަތެއް ހޯދަން މަސައްކަތް ކޮށްފައެވެ.

ދެވަނަ ހާފުގައި ޕާކިސްތާނުން އެޓޭކް ވަރުގަދަކޮށް ގިނަ ފުރުސަތުތަކެއް ހޯދަން މަސައްކަތް ކުރިއެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލަމްގީރް އަލީ ހާން ގާޒީ މެޗުގެ 56 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ބަދަލު ކުޅުންތެރިޔާ އަލީ ހައިދަރު ޝާހު ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ކީޕަރު މެހެދީ ހަސަން ސަރާބޯން ވަނީ މަތަކޮށްފައެވެ.

މެޗުގެ ފަހުކޮޅު ބަންގްލަދޭޝްގެ މިރާޖުލް އިސްލާމް ކުޅެން އަރައި، ޕެނަލްޓީއެއް ހޯދުމަށް އެޕީލް ކުރި ނަމަވެސް ރެފްރީ އެކަން ގަބޫލެއް ނުކުރެއެވެ. މުޅި މެޗުގައި ބަންގްލަދޭޝްއިން ޕެނަލްޓީ ހޯދަން ކުރި ގިނަ އެޕީލްތަކާ ގުޅިގެން މެޗުގެ ރެފްރީ، ރާއްޖޭގެ މުހައްމަދު ޖާވިޒް ނިންމީ ޕެނަލްޓީއެއް ދޭންޖެހޭ ފަދަ ފައުލެއް ނުހިނގާ ކަމަށެވެ. ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 9:00 ގައި ރާއްޖެ ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު