ރާއްޖޭގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައި ނަމާދު ވަގުތުތަކަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހަދައި، އެ ތަންތަނުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުމަކީ ކުޅިވަރު ކުޅޭ ޒުވާނުންނަށް ނަމާދަށް ސަމާލުކަން ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި އާ އުސޫލުގެ ދަށުން، ކުޅިވަރު ކުޅޭ ދަނޑުތަކާއި ކޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ނަމާދު ވަގުތު ޖެހުމުން ކުޅުން މެދުކަނޑާލުމަށް ބާރުއަޅާނެއެވެ. އަދި އެ ސަރަހައްދުތަކުގައި ތިބެގެން ފަސޭހަކަމާ އެކު ނަމާދު ކުރެވޭނެ ފަދަ އެކަށީގެންވާ ސާފުތާހިރު ތަންތަން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި ވުޟޫ ކުރެވޭނެ އިންތިޒާމުތަކާއި ނަމާދު ކުރާނެ ހާއްސަ ދިމާލެއް ކަނޑައެޅިގެންދާނެއެވެ. މީގެ ސަބަބުން ނަމާދު ވަގުތު ޖެހުމުން ކުޅިވަރު ދަނޑުތައް ދޫކޮށް ދުރަށް ދާން ނުޖެހި، ވަގުތުން ނަމާދު އަދާކުރުމުގެ ފުރުސަތު ކުޅުންތެރިންނަށާއި ބެލުންތެރިންނަށް ލިބިގެންދާނެއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން ހާމަކުރާ ގޮތުގައި، މި ބަދަލަކީ ކުޅިވަރުގެ މާހައުލަކީ އަހުލާގީ ގޮތުންނާއި ދީނީ ގޮތުން ދުޅަހެޔޮ މާހައުލަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އަދި މި އިންތިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުޅިވަރު ދަނޑުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ބާރުމިނެއްގައި ކުރިއަށްދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.