ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ރީޖަނަލް ލީގުގެ ސައުތު ރީޖަންގެ ޗެމްޕިއަންކަން ގދ. ގައްދޫއިން ހޯދައިފިއެވެ.
ގައްދޫއިން މި ޝަރަފު ހޯދީ އިއްޔެ ސ. ފޭދޫއާ ބައްދަލުކުރި މެޗު 0-4ގެ ތަފާތަކުން ކާމިޔާބުކޮށް، ލީގުގައި އެޓީމު ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މިއާ އެކު، ލީގުގައި ބާކީ އެއް މެޗު އޮއްވައި އެޓީމުން ވަނީ ސައުތު ރީޖަން ލީގުގެ އައްޑަނަ އަމިއްލަ ކޮށްފައެވެ.
ފޭދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. ގައްދޫއިން މެޗުގައި ޖެހި ހަތަރު ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 53ވަނަ މިނެޓާއި 64ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ދެ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޢަލީ މުޙައްމަދެވެ. ގައްދޫގެ ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބުކުރިއިރު، ފަހު ލަނޑު ޖެހީ މެޗުގެ 90 ވަނަ މިނެޓުގައެވެ.
މި ސަރަހައްދުގެ ތާވަލަށް ބަލާއިރު، ގައްދޫއާ އެންމެ ގާތުން ވާދަކުރި ލ. ގަމަށް ފަސް މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސ. ފޭދޫއަށް ހަ މެޗުން 5 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ އެންމެ ފުލުގައި އޮތް ލ. ކުނަހަންދޫއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ސައުތު ރީޖަންގެ ޗެމްޕިއަންކަން ހޯދުމާ އެކު، ގައްދޫއަށް ވަނީ ދިވެހި ލީގު ޕްލޭއޮފް ބުރުގެ އެންމެ ފަހު ޖާގަ ކަށަވަރުވެފައެވެ. ޖުމްލަ ހަ ޓީމު ވާދަކުރާ މި ޕްލޭއޮފް ބުރުގައި ދެން ހިމެނެނީ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބާއި، އަށްވަނައިގައި ނިންމި ގްރީން ސްޓްރީޓްސްގެ އިތުރުން މާލެ ރީޖަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސްއެވެ. މީގެ އިތުރުން ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އާއި ސެންޓްރަލް ލީގުގެ ޗެމްޕިއަން ކ. ހުރާވެސް މި ބުރުގައި ވާދަކުރާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.