މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރު މެނުއަލް އުގާޓޭ، އުންމީދުކުރި ވަރުގެ ކުޅުމެއް ނުދެއްކުނުތާ ދެތިން ސީޒަނަކަށް ފަހު، މި ހޫނު މޫސުމުގައި ލޯނެއްގެ ދަށުން ނުވަތަ ދާއިމީ އެއްބަސްވުމެއްގެ ދަށުން ކްލަބް ދޫކޮށް ދިއުމުގެ ހުއްދަ ދީފާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ރިޕޯޓްތައް ފެންމަތިވެފައި މިވަނީ، ކަސެމީރޯ ސްކޮޑުގައި ނުހިމެނޭއިރު ވެސް، އާދީއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅުނު ސީޒަނުގެ ފަހު ޕްރިމިއާ ލީގު މެޗަށް އުގާޓޭ ނުނެގުމަށް މައިކަލް ކެރިކް ނިންމުމާ ގުޅިގެންނެވެ.
އޮގަސްޓް 2024ގައި ސްޕޯޓިން އިން ގާތްގަނޑަކަށް 50 މިލިއަން ފައުންޑަށް އޯލްޑް ޓްރެފޯޑަށް ބަދަލުވި ފަހުން، 25 އަހަރުގެ މި ކުޅުންތެރިޔާއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން، އުމުރުން ދުވަސްވަމުންދާ ކަސެމީރޯގެ ބަދަލުގައި ކުޅޭނެ ކުޅުންތެރިއެއްގެ ގޮތުގައި ސޮއިކުރުވި އުގާޓޭއަށް އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ދުވެއްޔާ އެއްވަރަށް ފައިތިލަ ސާބިތެއް ނުކުރެވުނެވެ.
އުރުގުއޭގެ މިޑްފީލްޑަރު މި ސީޒަނުގައި 10 މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު، ޔުނައިޓެޑަށް މޮޅުވެވުނީ އޭގެ ތެރެއިން އެންމެ މެޗަކުންނެވެ. މި މެޗުތަކުގެ ތެރޭގައި ކަރަބާއޯ ކަޕްގައި ގްރިމްސްބީ ޓައުން އަތުންނާއި، ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން ލިބުނު ތާރީޚީ ބަލިވުންތައް ހިމެނެއެވެ. މިއީ ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ބަލިވި ދެ މެޗުގެ ތެރެއިން އެއް މެޗެވެ.
ޔުނައިޓެޑްގެ އޭރުގެ ވަގުތީ ހެޑް ކޯޗު ވަނީ އޭޕްރީލް މަހު ޑެނިއަލް ފާކޭގެ ޓީމު އަތުން 2-1 އިން ބަލިވި މެޗަށް ފަހު އުގާޓޭގެ ދިފާއުގައި ވާހަކަދައްކައިފައެވެ. މިއީ 1981 ވަނަ އަހަރުގެ ފަހުން ޔޯކްޝަޔާގެ ޓީމު އަތުން ރެޑް ޑެވިލްސް އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
މެނުއަލް އުގާޓޭ ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގައި ރަނގަޅު ފޯމެއް ދެއްކުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ
ނަމަވެސް 'ދަ ގާޑިއަން'އިން ރިޕޯޓްކުރާ ގޮތުގައި، އެޓަލާންޓާގެ އެޑަސަން ހޯދުމަށް ރެޑް ޑެވިލްސްއިން މަސައްކަތް ކުރަމުންދާތީ، އުގާޓޭގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެ ކުޅުންތެރިޔާ ސޮއިކުރުވުމަކީ މި ހޫނު މޫސުމުގައި މިޑްފީލްޑަށް ގެންނަން ނިންމާފައިވާ ދެ ބަދަލުގެ ތެރެއިން އެއް ބަދަލު ކަމަށް ބުނެވެއެވެ. އެހެންކަމުން އުގާޓޭ ކްލަބް ދޫކޮށް ދިއުމުގެ ފުރުސަތު ބޮޑެވެ.
ޔުނައިޓެޑްގެ އެންމެ ބޮޑު އިސްކަމެއް ދެނީ ކަސެމީރޯގެ ބަދަލުގައި މަތީ ފަންތީގެ ނަންބަރު 6 އެއް ހޯދުމަށެވެ. މި މަގާމަށް ގެނައުމަށް އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ތަރި އައުރެލިއަން ޗުއަމެނީ އަދި ނިއުކާސަލް ޔުނައިޓެޑްގެ ސަންދްރޯ ޓޮނާލީ ހިމެނެއެވެ.
ރެޑް ޑެވިލްސްއިން މި ހޫނު މޫސުމުގައި އެންޑަސަން ހޯދުމަށް ބޮޑު އަމާޒެއް ހިފި ނަމަވެސް، އޭނާގެ އަގު ކަމަށްވާ ގާތްގަނޑަކަށް 100 މިލިއަން ފައުންޑް ދެއްކުމަށް ޔުނައިޓެޑްގެ ވެރިން އެއްބަހެއް ނޫނެވެ. ޔުނައިޓެޑަށް ގަބޫލުކުރެވޭ ގޮތުގައި އެންޑަސަން އެންމެ ބޭނުންވަނީ އެ ކްލަބަށް ވުރެ ބޮޑަށް ސިޓީއާ ގުޅުމަށެވެ. ޕެޕް ގާޑިއޯލާ ދާދި ފަހުން ކްލަބް ދޫކޮށް ދިޔަ ނަމަވެސް، ސިޓީއަށް އެ ކުޅުންތެރިޔާ ހޯދޭނެކަމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހޫނު މޫސުމުގައި އޯލްޑް ޓްރެފޯޑަށް ބަދަލުވެދާނެ ކަމަށް ބެލެވޭ އެހެން މިޑްފީލްޑަރުންގެ ތެރޭގައި އެޑަމް ވޯޓަން އަދި ކާލޮސް ބެލޭބާ ހިމެނެއެވެ. ޔުނައިޓެޑުން އެލެކްސިސް މެކް އެލިސްޓާ ހޯދުމަށް ވެސް ވިސްނާފައިވީ ނަމަވެސް، ލިވަޕޫލާ އެކު މި ޓްރާންސްފާއަށް އެއްބަސްވުމަކަށް އާދެވުމަކީ ވަރަށް ނާދިރު ކަމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.