ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވީއޭއާރްގެ ސަބަބުން ސިޓީގެ މޮޅު ކުޅުން ފަނޑުވެގެން ނުވާނެ: މަރެސްކާ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގުގައި އެކަކު މަދުކޮށް ކުޅެ މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ސިޓީން ކުރި ހޯދި މެޗުގައި އާލިން ހާލަންޑް ކާމިޔާބުކުރި ލަނޑާ މެދު އުފެދިފައިވާ ވީއޭއާރްގެ ބަހުސްތަކުގެ ސަބަބުން ކުޅުންތެރިންގެ މޮޅު ކުޅުން ފަނޑުވެގެންދާތީ، މެންޗެސްޓަރ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ 23ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސްއަށް ކުރި ފައުލަކާ ގުޅިގެން ފިލް ފޯޑަންއަށް ރަތް ކާޑު ދެއްކުމުން، ސިޓީން މެޗުގެ ބޮޑުބައި ފުރިހަމަކުރީ 10ކުޅުންތެރިންނާ އެކުގައެވެ. ނަމަވެސް ދެވަނަ ހާފުގައި ހާލަންޑް ވަނީ ލަނޑެއް ޖަހައި ސިޓީއަށް 1-0އިން މޮޅުކޮށްދީފައެވެ. ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި މި ލަނޑަކީ ރަނގަޅު ގޯލެއް ކަމަށް ވީއޭއާރްއިން ކަނޑައެޅި ނަމަވެސް، ރެފުރީންގެ މައި އިދާރާއިން ފަހުން ވަނީ އެއީ ގޯސް ނިންމުމެއްކަމަށް އެއްބަސްވެފައެވެ.

ލީގު ކަޕްގައި ނޮރިޗް ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަރެސްކާ ބުނީ، ދަނޑުމަތީގައި އެއް ކުޅުންތެރިއަކު މަދުކޮށް 75މިނެޓު ވަންދެން ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުން ދޫކޮށް، ހަމައެކަނި މެޗުގެ އެއް ހާދިސާއަކަށް މީޑިއާއިން ސަމާލުކަން ދިނުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އޭނާ ހުރީ ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުމާ މެދު ނުހަނު ހިތްހަމަޖެހިފައި ކަމަށް ވެސް ފާހަގަކުރިއެވެ.

ވީއޭއާރްގެ ނިންމުމަކީ ގޯހެއްކަން މިހާރު ސާފުވެފައިވާކަން ފާހަގަކުރަމުން މަރެސްކާ ބުނީ، ބައެއް ހާލަތްތަކުގައި ނިންމުންތައް އަންނާނީ ޓީމާ އެއްކޮޅަށް ކަމަށާއި އަނެއްބައި ފަހަރު ދާނީ ދެކޮޅަށް ކަމަށެވެ. އަދި ވީއޭއާރް ރޫމްގައި ތިބޭ އޮފިޝަލުންނަށް ވެސް އެންމެ 20ވަރަކަށް ސިކުންތުގެ ތެރޭގައި ގޮތެއް ނިންމަން ޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، އިންސާނުންނަށް ވީތީ އެފަދަ ކުށްތައް ކުރެވޭނެކަން އޭނާ ގަބޫލުކުރެއެވެ.

މީގެ އިތުރުން މަރެސްކާ ވަނީ 2023ވަނަ އަހަރުގެ ޖެނުއަރީ މަހު 2-1އިން ޔުނައިޓެޑް އަތުން ސިޓީ ބަލިވި މެޗުގެ ހަނދާންތައް އާކޮށްފައެވެ. އޭރު ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރި މަރެސްކާ ބުނީ، މާކަސް ރަޝްފޯޑް އޮފްސައިޑްގައި ހުރެގެން އޭރު ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ލަނޑަކީ ވެސް ގަވާއިދާ ޚިލާފު ގޯލެއް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން މިއަދާ ހަމައަށް ވެސް މާފަށް އެދިފައިނުވާތީ އެކަމަށް އަދިވެސް އިންތިޒާރުކުރާ ކަމަށް އޭނާ ބުންޏެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު