އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި މެޗަކުން ބަލިވި ނަމަވެސް، އެންމެ ފަހުން މެންޗެސްޓަރ ސިޓީ ކޮޅަށް ސަންޑަލޭންޑްގެ ބްރަޔަން ބްރޮބޭ ކާމިޔާބުކުރި ތިން ލަނޑާއެކު، މިހާތަނަށް މި މުބާރާތުގައި ބަލިވި ޓީމެއްގައި ހުރެގެން ހެޓްރިކް ހެދުމުގެ ފަޚުރު ހޯދާފައި ވަނީ އެންމެ ފަސް ކުޅުންތެރިންނެވެ.
ފާއިތުވި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ މެންޗެސްޓަރ ސިޓީ އަތުން 5-3ގެ ނަތީޖާއަކުން ސަންޑަލޭންޑް ބަލިވި ނަމަވެސް، ނެދަލެންޑްސްގެ ފޯވާޑް ބްރޮބޭ ވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި އޭނާ ދެ ލަނޑު ޖެހިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ވަނީ ތިންވަނަ ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މި މެޗުގައި ސިޓީގެ ސެމެންސޯ ދެ ލަނޑު ޖެހި ނަމަވެސް، އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ހެޓްރިކެއް ނުހެދެއެވެ.
ޕްރިމިއަރ ލީގު މިހާރު އޮތް ފޯމެޓަށް 1992ވަނަ އަހަރު ބަދަލުކުރި ފަހުން، މެޗުން ބަލިވާ ޓީމެއްގެ ކުޅުންތެރިއަކު ހެޓްރިކް ހެދުމަކީ ވަރަށް ނާދިރު ކަމެކެވެ. ބްރޮބޭއަކީ މި ލިސްޓަށް އެރި ފަސްވަނަ ކުޅުންތެރިޔާ ކަމަށްވާއިރު، މިއީ 2007ވަނަ އަހަރަށްފަހު މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ. ޖުމްލަ ފަސް ކުޅުންތެރިންގެ ފަރާތުން ހަ ހެޓްރިކް މިހާތަނަށް ފެނިފައިވާއިރު، އެއް ކުޅުންތެރިއަކު ވަނީ ބަލިވި ޓީމުގައި ހުރެގެން ދެ ފަހަރެއްގެ މަތިން ހެޓްރިކް ހަދާފައެވެ.
ބްރޮބޭގެ ކުރިން އެންމެ ފަހުން މިފަދަ ހެޓްރިކެއް ފެނިފައި ވަނީ 2007ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ވިގަން އެތުލެޓިކް އަތުން ބްލެކްބަރން ރޯވާސް ބަލިވި މެޗުގައި އެ ޓީމަށް ހެޓްރިކް ހަދައިދިނީ ސަންތަ ކްރޫޒް އެވެ. އޭގެ ކުރިން މި ރެކޯޑް ހެދި ހުރިހާ ކުޅުންތެރިން ވެސް އެކަން ކޮށްފައި ވަނީ 2000ވަނަ އަހަރުގެ ކުރިންނެވެ. އެގޮތުން 1996ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުކާސަލް އަތުން 4-3އިން އެސްޓަން ވިލާ ބަލިވި މެޗުގައި ޑްވައިޓް ޔޯކް ހެޓްރިކް ހެދިއިރު، 1995ވަނަ އަހަރު ޝެފީލްޑް އަތުން ހަމަ އެ ނަތީޖާއިން ކޮވެންޓްރީ ސިޓީ ބަލިވި މެޗުގައި ޑިއޮން ޑުބްލިން ވަނީ ތިން ލަނޑު ޖަހާފައެވެ.
މީގެ އިތުރުން، ބަލިވި ޓީމެއްގައި ހުރެގެން ދެ ފަހަރަށް ހެޓްރިކް ހެދުމުގެ ޚާއްޞަ ރެކޯޑް އޮންނަނީ ސައުތުހެމްޓަންގެ ކުރީގެ ތަރި މާޓް ލެ ޓިސިއާ އަތުގައެވެ. އޭނާ ވަނީ 1993ވަނަ އަހަރު އޮލްދަމް އެތުލެޓިކް ކޮޅަށާއި، 1995ވަނަ އަހަރު ނޮޓިންގހަމް ފޮރެސްޓް ކޮޅަށް ހެޓްރިކް ހަދާފައެވެ. ފާހަގަކޮށްލެވޭ ކަމަކީ އޭނާ ހެޓްރިކް ހެދި ދެ މެޗުންވެސް ސައުތުހެމްޓަން ބަލިވެފައި ވަނީ 4-3ގެ ނަތީޖާއަކުން ކަމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.