އިނގިރޭސި ޕްރިމިއަރ ލީގުގެ ދެ ކްލަބް ކަމަށްވާ މެންޗެސްޓަރ ސިޓީ އަދި އެވަޓަންއިން މިރޭ ކުރި އިއުލާނަކާ އެކު، ސިޓީއަށް ކުޅެމުން އަންނަ އުމުރުން 30އަހަރުގެ ފޯވާޑް ޖެކް ގްރީލިޝް، އެއް އަހަރު ދުވަހުގެ މުއްދަތަކަށް ލޯނު އުސޫލުން އަނެއްކާ ވެސް އެވަޓަންއަށް ކުޅުމަށް ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަނުގައިވެސް އެވަޓަންގައި ލޯނު އުސޫލުން މޮޅު ކުޅުމެއް ދެއްކި ގްރީލިޝް ވަނީ، އެފަހަރު 22މެޗު ކުޅެދީ ދެ ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ހަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި އޮގަސްޓް މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ނަމަވެސް، ޖެނުއަރީ މަހުގެ ތެރޭގައި ފަޔަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ އެ ސީޒަނުގެ ބާކީ ބައިގައި ކުޅުމާ ދުރަށްދާން މަޖުބޫރުވެފައެވެ.
އެވަޓަންއަށް އަލުން ބަދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ގްރީލިޝް ހާމަކުރި ގޮތުގައި، ކުރިން އެ ކްލަބާ އެކު ހޭދަކުރި ފުރަތަމަ ހަ މަސް ދުވަހަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ވަރަށް ހިތްހަމަޖެހިގެން ހޭދަކުރެވުނު ދުވަސްތަކެކެވެ. އަދި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނަމަވެސް، ޕްރީ-ސީޒަން މެޗުތަކާއި ސީޒަން ފެށިގެން މިހާތަނަށް އެވަޓަންއިން ކުޅުނު ހުރިހާ މެޗެއް ގާތުން ބަލަމުންދިޔަ ކަމަށާއި، މާދަމާގެ ފަރިތަކުރުންތަކާ ގުޅި، ކުރިއަށް ހުރި މެޗުތަކަށް ފުރިހަމައަށް ތައްޔާރުވާނެކަމުގެ ޔަގީންކަން އޭނާ ދިނެވެ.
އެސްޓަން ވިލާ ދޫކޮށް 2021ވަނަ އަހަރު 100މިލިއަން ޕައުންޑުގެ ރެކޯޑު ފީއަކަށް ސިޓީއަށް ބަދަލުވި ގްރީލިޝް ވަނީ އެ ޓީމާއެކު ޕްރިމިއަރ ލީގާއި، އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ގްރީލިޝް ފާހަގަކުރި ގޮތުގައި އޭނާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ވަނީ މަދު ކޯޗުންތަކެއްގެ އިރުޝާދުގެ ދަށުން ކަމަށްވާއިރު، އެވަޓަންގެ މިހާރުގެ ކޯޗު ޑޭވިޑް މޮއިސްއަކީ އޭގެ ތެރެއިން އެއް ކޯޗެވެ. އެހެންކަމުން، މޮއިސްއާ އެކު އަލުން މަސައްކަތްކުރުމަށް އޭނާ ހުރީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.