އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު އާސެނަލްއަށް ކުޅެމުން އައި ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑް، ހަތް މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގެ ދަށުން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެވަޓަންއަށް ސޮއިކޮށްފިއެވެ.
އުމުރުން 32އަހަރުގެ މިޑްފީލްޑަރު އެވަޓަންއަށް ބަދަލުވުމުގެ ކަންކަން ނިންމާފައި މިވަނީ، ރެއާލް ބެޓިސްއާ ދެކޮޅަށް އާސެނަލުން ކުޅުނު އެކުވެރިކަމުގެ މެޗަށް އެކުލަވާލި ސްކޮޑުން އޭނާއަށް ޖާގަ ނުލިބި ބާކީވެފައި ވަނިކޮށެވެ. މީގެ އެއް އަހަރު ކުރިން 15މިލިއަން ޕައުންޑަށް ބްރެންޓްފަޑް ދޫކޮށް އާސެނަލާ ގުޅުނު ނޯގާޑް ވަނީ، 22އަހަރުގެ މެދުކެނޑުމަކަށް ފަހު އާސެނަލުން ލީގު ތަށި އުފުލާލި ތާރީހީ ސީޒަނުގައި އެ ޓީމަށް 20މެޗު ކުޅެދީފައެވެ. ނަމަވެސް، ލީގުގެ މެޗުތަކުގައި އޭނާއަށް ކުޅެން ފުރުސަތު ލިބުނީ އެންމެ ހަތް ފަހަރުއެވެ.
ޓީމުގެ ކޯޗު ޑޭވިޑް މޮއިސްއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، އެވަޓަންގެ ކުރިމަގުގެ ޕްލޭންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ހާމަކުރަމުން ނޯގާޑް ބުނީ، އެ ކުލަބު މިހާރު ދަތުރުކުރަމުން ދަނީ ރަނގަޅު މިސްރާބަކަށް ކަމަށާއި އެކަން ފާއިތުވި ސީޒަނުގެ ނަތީޖާތަކުން ފެންނަން އޮތް ކަމަށެވެ. އަދި އެވަޓަންއަކީ އިދިކޮޅު ޓީމުތަކަށް އަބަދުވެސް ބަލިކުރަން އުނދަގޫ ވާދަވެރި ޓީމެއްކަން އޭނާ ފާހަގަކުރިއެވެ.
މޮއިސްގެ އިރުޝާދުގެ ދަށުން އެވަޓަންއިން އައު ކުޅުންތެރިން ހޯދަމުން ދަނީ، އުމުރުން 37އަހަރުގެ ސީމަސް ކޯލްމަން އަދި 36އަހަރުގެ އިދްރީސާ ގާނާ ގޭ ފަދަ އުމުރުން ދުވަސްވީ ކުޅުންތެރިން ޓީމު ދޫކޮށް ދިއުމުން ކުރިމަތިވެފައިވާ ތަޖުރިބާގެ މަދުކަން ފޫބެއްދުމަށެވެ. މީގެ އިތުރުން ޒުވާން މިޑްފީލްޑަރު ޖޭމްސް ގާނާއަށް އަނިޔާވެ އޮޕަރޭޝަނެއް ކުރުމާ ގުޅިގެން އޭނާއަށް ސީޒަންގެ ކުރީކޮޅު ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. ބްރެންޓްފަޑްގެ ކެޕްޓަންކަންވެސް ކުރިން ކޮށްފައިވާ ނޯގާޑް އެ ކުލަބުގައި ހަ އަހަރު ހޭދަކޮށް 196މެޗު ކުޅެދީފައިވާއިރު، އޭނާގެ ތަޖުރިބާ އެވަޓަންއަށް ވަރަށް މުހިންމުވާނެއެވެ.
ނޯގާޑަކީ މި ފަހަރުގެ ޓްރާންސްފަރ މާކެޓުގައި އެވަޓަންއިން ގެނައި ހަމައެކަނި ކުޅުންތެރިޔާއެއް ނޫނެވެ. އެގޮތުން 16.5މިލިއަން ޕައުންޑަށް މިޑްލްސްބަރާގެ ހޭޑަން ހެކްނީ ގެނެސްފައިވާއިރު، ލޯނު އުސޫލުން ކުރިން އެ ޓީމަށް ކުޅުނު ޗެލްސީގެ ޒުވާން ފޯވާޑް ޓައިރީކް ޖޯޖު ވަނީ 18މިލިއަން ޕައުންޑަށް ދާއިމީކޮށް ގެނެސްފައެވެ.
އައު ސީޒަނުގައި އެވަޓަން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 22ވާ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.