މެންޗެސްޓަރ ސިޓީގައި އޭނާ ލައްވައި ކުޅުވި މަގާމާ މެދު އުފެދުނު ނުތަނަވަސްކަމާއި، ސައުދީގެ އަލް ގަދްސިއާއިން ހުށަހެޅި މާލީގޮތުން ފައިދާބޮޑު އެއްބަސްވުމުގެ ސަބަބުން އެ ކްލަބަށް ބަދަލުވާން ނިންމީކަމަށް، ނެދަލެންޑްސްގެ ޤައުމީ ޓީމުގެ މިޑްފީލްޑަރު ޓިޖާނީ ރެއިންޑާސް ހާމަކޮށްފިއެވެ.
އަގުބޮޑު ޓްރާންސްފާއެއްގެ ގޮތުގައި 61މިލިއަން ޔޫރޯއަށް ސައުދީ ޕްރޯ ލީގާ ގުޅުނު ރެއިންޑާސް ބޭނުންވީ މުޅި ދަނޑުގައި ހަރަކާތްތެރިވާ "ބޮކްސް-ޓު-ބޮކްސް"ނުވަތަ ޑައިނަމިކް ކުޅުންތެރިއެއްގެ ރޯލު އަދާކުރާށެވެ. އެހެން ނަމަވެސް، ފަހަކަށްއައިސް ސިޓީގައި އޭނާއަށް ގިނައިން ކުޅެން މަޖުބޫރުވީ ކުރިއަށްއަރާ އެޓޭކިންގ މިޑްފީލްޑަރެއްގެ މަގާމަށެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާ ދެކޮޅަށް ނުކުތުމަށް ނެދަލެންޑްސް ޓީމުން ކުރަމުންދާ ފަރިތަކުރުންތަކުގެ ތެރެއިން މީޑިއާއާ ވާހަކަދައްކަމުން އޭނާ ބުނީ، ސިޓީގެ ޕްރީ-ސީޒަންގައި ކަންތައްތައް ދިޔަގޮތުން ކުރީގެ ސީޒަނެކޭ އެއްވެސް ތަފާތެއް ނާންނާނެކަން އޭނާއަށް ޔަގީންވިކަމަށެވެ. އަދި ހަމަ އެގޮތަށް އިތުރު އަހަރެއް ހޭދަކުރަން ބޭނުންނުވާކަމަށް އަމިއްލަ ނަފްސަށް އެއްބަސްވެވުމާ އެކު، އާ މަންޒިލެއް ހޯދުމުގެ ފުރުސަތު ކްލަބުން ވެސް ފަހިކޮށްދިނީކަމަށް އޭނާ ފާހަގަކުރިއެވެ.
ސައުދީ ލީގަށް ބަދަލުވުމަކީ ފުޓްބޯޅަ ކެރިއަރުގެ ނިމުންކަމަށް އާންމުކޮށް ދެކޭގޮތަށް ފުރަތަމަ އޭނާއަށް ވެސް ގަބޫލުކުރެވުނުކަމަށް އުމުރުން 28އަހަރުގެ ކުޅުންތެރިޔާ ކިޔައިދިނެވެ. ނަމަވެސް، އަލް ގަދްސިއާގެ ކޯޗު ބްރެންޑަން ރޮޖާސްއާ މަޝްވަރާކުރުމަށް ފަހު އެ ވިސްނުން ބަދަލުވީއެވެ. ސައުދީގައި ތިންވަރަކަށް އަހަރު ކުޅުމަށް ފަހު އަލުން ޔޫރަޕުގެ ވަރުގަދަ ލީގަކަށް ދިއުމުގެ ދޮރު ބަންދު ނުވާކަމަށާއި، މިހާރުވެސް އެފަދަ ކުޅުންތެރިން ފެންނަމުންދާއިރު އޭނާގެ އަމާޒަކީ ވެސް އެއީކަމަށް ރެއިންޑާސް ބުންޏެވެ.
މީގެ އިތުރުން، ސައުދީ ޕްރޯ ލީގުގައި މިހާރު ހަރަކާތްތެރިވާ ދުނިޔޭގެ ފެންވަރުގެ ތަރިންނަށް ނަޒަރު ހިންގާއިރު، އެ މުބާރާތުގެ ފެންވަރު ނެދަލެންޑްސްގެ ލީގަށްވުރެ މާބޮޑަށް ވެސް ރަނގަޅުވާނެކަމަށް އޭނާ ދެކެއެވެ.
ރިޕޯޓުތައް ކަށަވަރުކޮށްދޭ ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި 100މިލިއަން ޔޫރޯ އޭނާއަށް ލިބޭނެއެވެ. މިކަމާ ގުޅުވައިގެން ރެއިންޑާސް ބުނީ، މިއީ އަޚުލާގީ ގޮތުން ބަހުސްކުރެވިދާނެ މައުޟޫއެއް ނަމަވެސް، މިއީ އެއްވެސް މީހަކަށް ނޫނެކޭ ބުނަން ކެރޭނެވަރުގެ ހުށަހެޅުމެއް ނޫންކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އޭނާގެ އާއިލާގެ އަންނަން އޮތް އެތައް ޖީލަކަށް މާލީ ފުދުންތެރިކަން ކަށަވަރުވެގެންދާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.