ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅެމުންދިޔަ އުމުރުން 22އަހަރުގެ ހުނަރުވެރި ފޯވާޑް އެލަން އެލިއަސް، 40މިލިއަން ޔޫރޯގެ ބޮޑު އަގަކަށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ކުޅުމަށް އެ ކުލަބާ އެކު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސިޓީގެ ފަރާތުން މިކަން ޔަގީންކޮށްދީފައިވާއިރު، މިއީ ހިނގަމުންމިދާ ޓްރާންސްފާ މާކެޓުގައި އެ ޓީމާ ގުޅުނު ހަވަނަ ކުޅުންތެރިޔާއެވެ. އެ ކުލަބުގެ ފުޓުބޯޅަ ޑިރެކްޓަރު ހޫގޯ ވިއާނާ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ، އެލަންއަކީ ޓީމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ މޮޅު ކުޅުންތެރިއެއް ކަމަށާއި، މިހާތަނަށް އޭނާގެ ކެރިއަރުގައި ދައްކާފައިވާ ކުޅުމުން އެއީ އެންމެ މަތީ ހަރުފަތަށް ވާސިލުވުމުގެ ގާބިލުކަން ހުރި ޒުވާނެއްކަން ސާބިތުވެފައިވާ ކަމަށެވެ.
ސައޮ ޕައުލޯ އެކެޑަމީގެ އުފެއްދުމެއް ކަމަށްވާ އެލަން ވަނީ ޕަލްމެއިރާސްގެ ސީނިއާ ޓީމާއެކު 96މެޗެއްގައި ފެނިގެންގޮސްފައެވެ. ރިޕޯޓުތައް ހާމަކުރާ ގޮތުގައި އޭނާ ސިޓީއަށް ބަދަލުވީ 47މިލިއަން އެމެރިކާ ޑޮލަރުގެ (ގާތްގަނޑަކަށް 40މިލިއަން ޔޫރޯގެ)ޓްރާންސްފާ ފީއެއްގައެވެ. މީގެ އިތުރުން ވެސް، މިފަހަރުގެ ބާޒާރުގައި އެލިއަޓް އެންޑަސަން، ޖެރެމީ މޮންގާ، ޕިއާސް ޗާލްސް، ޖެރޮނިމޯ ރޫލީ އަދި އައްޔޫބު ބުއާދީ ވަނީ ސިޓީގެ ސްކޮޑާ ގުޅިފައެވެ.
ސިޓީއަށް ސޮއިކުރުމަށް ފަހު ވާހަކަދައްކަމުން އެލަން ބުނީ، މިއީ އޭނާ ދުށް ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. ފާއިތުވި ފަނަރަވަރަކަށް އަހަރުގެ ތެރޭގައި ސިޓީން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ސަބަބުން އެއީ ކޮންމެ ކުޅުންތެރިއަކު ވެސް ގުޅެން ބޭނުންވާނެ ފަދަ މަގުބޫލު މަންޒިލެއްކަން އޭނާ ފާހަގަކުރިއެވެ. ކުރީގެ ކުލަބު ދެކެ އަބަދުވެސް ލޯބިވާނެކަމަށް ބުނަމުން، އެލަން އިތުރަށް ބުނީ ސިޓީއަށް ބަދަލުވާން ނިންމި ނިންމުމަކީ ވަރަށް ފަސޭހައިން ނިންމުނު ނިންމުމެއް ކަމަށެވެ. އޭނާގެ އަމާޒަކީ ސިޓީގައި ވިދާލި ބްރެޒިލްގެ ތަރިން ކަމަށްވާ ފެނާންޑީނިއޯ، އެޑަސަން އަދި ގަބްރިއެލް ޖީސޫސް ފަދައިން އިނގިރޭސި ޕްރިމިއާ ލީގުގައި ކާމިޔާބީތަކެއް ހޯދައި، ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށް ވުން ކަމަށް ވެސް އެލަން ވަނީ ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.