ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސަންޑަލެންޑް ބަލިކޮށް ސިޓީއަށް ތިން ޕޮއިންޓްގެ ލީޑެއް

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ސަންޑަލެންޑްގެ މައްޗަށް 5-3 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މެންޗެސްޓަރ ސިޓީން ލީގު ތާވަލްގެ އެންމެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ކަށަވަރުކޮށްފިއެވެ.

ބައިނަލްއަގުވާމީ މެޗުތަކަށް ލީގުގެ ކުޅުން މެދުކަނޑާލުމުގެ ކުރިން ސިޓީން ވަނީ މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި މެންޗެސްޓަރ ސިޓީގެ އެންޓޮއިން ސެމެންޔޯ ދެ ގޯލު ކާމިޔާބުކޮށްދިންއިރު، ސަންޑަލެންޑަށް ކުޅެމުން އަންނަ ބްރަޔަން ބްރޮބީ ވަނީ މޮޅު ކުޅުމަކާ އެކު ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ 2016ވަނަ އަހަރު ޖާމިން ޑެފޯއަށް ފަހު ޕްރިމިއަރ ލީގުގައި ސަންޑަލެންޑްގެ ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކެވެ.

މެޗުގެ ފުރަތަމަ ކޮޅު ސަންޑަލެންޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެންމެ ފުރަތަމަ ލީޑު ނެގީ ސިޓީންނެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ޗެލްސީން 125މިލިއަން ޕައުންޑުގެ އަގަކަށް ސިޓީއާ ގުޅުނު އެންޒޯ ފެނާންޑޭޒް ވަނީ ހިތްގައިމު ހިލޭ ޖެހުމަކުން އޭނާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން ބްރޮބީ ސަންޑަލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނިކޮށް، 29ވަނަ މިނެޓުގައި ރަޔާން ޗާކީ ވަނީ އަލުން ސިޓީއަށް ލީޑު ނަގައިދީފައެވެ. 

މުޅި މެޗުގައި ވެސް ސިޓީގެ ޑިފެންސަށް ނުރައްކާކުރަމުންދިޔަ ބްރޮބީ، ތޯމަސް މުނިއޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެމެންޔޯ ސިޓީއަށް ކުރިހޯދައިދިނެވެ. އަދި ދެވަނަ ހާފުގެ 57ވަނަ މިނެޓުގައި އޭނާ އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑުކުރިއެވެ. އޭގެ ފަހުން ނިލްސަން އަންގޫލޯގެ އެހީތެރިކަމާއެކު ބްރޮބީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ސަންޑަލެންޑަށް އުންމީދު އާކޮށްދިން ނަމަވެސް، މެޗު ނިމެން ގާތްވެފައިވަނިކޮށް އާލިން ހާލަންޑް ޖެހި ލަނޑާއެކު ސިޓީން ވަނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ޔަގީންކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު