އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑު އޯލްޑް ޓްރެފޯޑުގައި ޓޮޓެންހަމް މެޗުން 1-1އިން އެއްވަރުވުމާ އެކު، މަންޗެސްޓާ ޔުނައިޓެޑަށް ފާއިތުވި 40އަހަރުގެ ތެރޭގައި ސީޒަނެއްގައި ކުރިމަތިވި އެންމެ ދަށް ފެށުމާ ކުރިމަތިލާންޖެހިއްޖެއެވެ.
ސީޒަނުގެ ފުރަތަމަ ހަ މެޗުން އެ ޓީމަށް ލިބިފައި ވަނީ އެންމެ ހަ ޕޮއިންޓެވެ. މިއީ 1986ވަނަ އަހަރުގެ ފަހުން ސީޒަނުގެ މި ހިސާބަށް އައިއިރު ޔުނައިޓެޑަށް އެންމެ މަދުން ޕޮއިންޓް ލިބުނު ފަހަރެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބޯމޯއެވެ. އޭގެ ފަހުން ޓޮޓްނަމްގެ ރޮޑްރީގޯ ބެންޓަންކުރްއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމް ކުޅެމުންދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް، ހިތްވަރާ އެކު ކުޅެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޑޮމިނިކް ސޮލާންކޭ ޖެހި ލަނޑުން ޓޮޓްނަމް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މިއީ އިތުރު ވަގުތުގެ ތެރޭގައި ބައިކޮޅަށް ވަން ލަނޑަކުން ޔުނައިޓެޑަށް ޕޮއިންޓް ގެއްލުނު ދެވަނަ މެޗެވެ. މީގެ ކުރިން ވާދަވެރި މަންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސިޓީގެ ކުޅުންތެރިއަކު މަދުވި ނަމަވެސް، މެޗުން އެދެވޭ ނަތީޖާއެއް ނެރުމުގައި ޔުނައިޓެޑް ވަނީ ނާކާމިޔާބުވެފައެވެ.
މެޗުގެ ތެރެއިންނާއި މެޗު ނިމުމުން އޯލްޑް ޓްރެފޯޑުގެ ސަޕޯޓަރުން ވަނީ ޓީމުގެ ކުޅުމާ މެދު ނުރުހުން ފާޅުކޮށް މަލާމާތުގެ އަޑުތައް އިއްވައިފައެވެ. ސަޕޯޓަރުންގެ އެ އަމަލުތަކުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
"މިއީ ވަރަށް އަސަރުކުރި ކަމެއް. މިއީ ތަހައްމަލުކުރަން ފަސޭހަ ކަމެއް ނޫން. ނަމަވެސް ބައެއް ފަހަރު މި ފަދަ ކަންކަމާ ކުރިމަތިލާންޖެހޭ. ސަޕޯޓަރުންގެ އެ ނުރުހުމަކީ ވެސް ޓީމަށް އޮތް ލޯބީގެ ސަބަބުން އަންނަ ކަމެއްކަން އަހަންނަށް ގަބޫލުކުރެވޭ"ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ކެރިކް ބުންޏެވެ.
ކެރިކް އިތުރަށް ފާހަގަކުރި ގޮތުގައި އިދިކޮޅު ޓީމުގައި 10ކުޅުންތެރިން ތިއްބަސް ނެތަސް، ލީޑުގައި އޮންނައިރު މެޗު ނިންމާލަން ޓީމަށް އެނގެންޖެހޭނެއެވެ. އަދި ރަނގަޅު ނަތީޖާއެއްގައި އޮންނައިރު މެޗުގެ ނަތީޖާ ހިފެހެއްޓުމަށް މިއަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމަށާއި މިއީ ކުރިއަރުވަންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.