އިނގިރޭސި ޕްރިމިއަރ ލީގުގެ މަޝްހޫރު ކުލަބު، މެންޗެސްޓަރ ޔުނައިޓެޑުގެ މެޗުތަކުގެ ޓިކެޓުތައް ކަޅު ބާޒާރުގައި ބޮޑު އަގުގައި ވިއްކަމުންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މިދިޔަ ހޫނު މޫސުމުގައި ފެށި ހާއްސަ ތަހުގީގަކަށް ފަހު، އެ ކުލަބުން 685އެކައުންޓެއް ސަސްޕެންޑްކޮށް 464މީހަކަށް ހަރުކަށި އިންޒާރު ދީފިއެވެ.
ޖުލައި މަހުގެ ތެރޭގައި ފެށި މި ތަހުގީގުގައި، ޝައްކުކުރެވޭ 1،617އެކައުންޓެއްގެ މުއާމަލާތްތައް ކުލަބުން ވަރަށް ގާތުން ބަލާފައިވެއެވެ. ޔުނައިޓެޑުން ހާމަކުރި ގޮތުގައި، ސީޒަން ޓިކެޓުތައް ކެންސަލްކޮށްފައި ވަނީ ހަމައެކަނި ޓިކެޓުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މާލީ ފައިދާ ހޯދަން މަސައްކަތްކުރިކަން ސާބިތުވި ފަރާތްތަކަށެވެ. އަދި ބައެއް ސަޕޯޓަރުން ހުށަހެޅި މައުލޫމާތުތަކަށް ބިނާކޮށް، ކުށެއް ނެތްކަން ސާބިތުވި އެތައް ސަތޭކަ މައްސަލައެއް ފިޔަވަޅެއް ނާޅައި ދޫކޮށްލާފައިވާކަން ވެސް ކުލަބުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސަސްޕެންޑް ނުކުރާ ފަރާތްތަކަށް އިންޒާރު ދިނުމުގެ އިތުރުން، އެހެން ފަރާތްތަކަށް ޓިކެޓު ޓްރާންސްފާކުރުމާއި ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް ދިއުމުގެ ފުރުސަތު ވަކި މުއްދަތަކަށް ވަނީ ބަންދުކޮށްފައެވެ. ޔުނައިޓެޑުން ބުނާ ގޮތުގައި މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ހަގީގީ ސަޕޯޓަރުންނަށް އިންސާފުވެރިކަމާއެކު ޓިކެޓު ގަނެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
ކުލަބުގެ މި ނިންމުންތަކާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑެތި ނުތަނަވަސްކަން އުފެދިފައެވެ. މިގޮތުން، "ދަ 1958"ނަމަކަށް ކިޔާ ސަޕޯޓަރުންގެ ޖަމިއްޔާއަކުން އަންނަނީ ކުރިއަށް އޮތް މެންޗެސްޓަރ ޑާބީ މެޗުގެ ކުރިން ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުންނެވެ. އެ ޖަމިއްޔާއިން ތުހުމަތުކުރާ ގޮތުގައި، ކުލަބުން ފިޔަވަޅު އަޅަމުންދަނީ އެކަށީގެންވާ ހެއްކެއް ނެތި، ދިގު މުއްދަތަކަށް ކުލަބަށް ސަޕޯޓުކުރަމުން އައި ވަފާތެރި މީހުންނާ ދެކޮޅަށެވެ. އަދި މިއީ ގަސްތުގައި ސަޕޯޓަރުންގެ އަދަދު މަދުކުރުމަށް ކުލަބުގެ ވެރިން ރާވައިގެން ހިންގާ އަމަލެއް ކަމަށް ވެސް އެ ފަރާތުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
ނަމަވެސް، ޔުނައިޓެޑުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ރޭވިގެން ހިންގާ ބޮޑެތި ޓިކެޓު ވިޔަފާރީގެ ނެޓްވޯކްތައް ނައްތާލުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.