ސެންޓްރަލް ލީގުގައި ކ. ހުރާއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގައި، ކާޑު ހަމަވެފައި ތިބި ކުޅުންތެރިންތަކެއް ކުޅުވި ކަމަށް ބުނެ ލީގުގެ އައްޑަނަ ހުރާއަށް ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމި ނިންމުން ކުޑަހުވަދޫ ކައުންސިލުން އެޕީލްކޮށްފިއެވެ.
މި މަހުގެ 21ވަނަ ދުވަހު ކުޅުނު މި މެޗާ ގުޅިގެން އެފްއޭއެމްގެ މުބާރާތްތަކާ ބެހޭ ކޮމެޓީން ނިންމި ނިންމުން ބަލައިނުގަންނަކަން ހާމަކޮށް، ކުޑަހުވަދޫ ކައުންސިލުން ވަނީ އެ އިދާރާއަށް ރަސްމީ ސިޓީއެއް ފޮނުވައިފައެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަލީމް ސޮއިކުރައްވައި އެފްއޭއެމަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، އެ މެޗުގައި ކާޑު ހަމަވެފައިވާ ދެ ކުޅުންތެރިން ކަމަށްވާ ޖާޒީ ނަންބަރު 21ގެ އަޔާޒް މުޙައްމަދާއި ޖާޒީ ނަންބަރު 30ގެ އަރީފް މަޙްމޫދު ބޭނުންކޮށްފައިވާ ކަމަށް އެފްއޭއެމުން ކަނޑައެޅި ނަމަވެސް، އެ ކުޅުންތެރިންނަށް ދެ ރީނދޫ ކާޑު ދައްކާފައިވާކަން އެޓީމަށް ލިބިފައިވާ އެއްވެސް މެޗު ރިޕޯޓަކުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެފްއޭއެމްގެ އެ ނިންމުމުގެ ސައްހަކަމާ މެދު ކައުންސިލުން ވަނީ ސުވާލު އުފައްދައިފައެވެ.
މީގެ އިތުރުން، މެއި މަހުގެ 18ވަނަ ދުވަހު ކުޅުނު މެޗުގައި އަޔާޒް މުޙައްމަދަށް ރީނދޫ ކާޑެއް ދެއްކި ކަމަށް އެފްއޭއެމްގެ ރިޕޯޓުގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މެޗުގައި އަޔާޒް ކުޅެފައި ވެސް ނުވާ ކަމަށް ކުޑަހުވަދޫން ފާހަގަކުރެއެވެ. އަދި އެފްއޭއެމްގެ ނިންމުމުގައި "ބީއެމްއެލް ރީޖަނަލް ލީގު 2025/26ގެ ގަވާއިދަށް"ހަވާލާދީފައިވާއިރު، އެފަދަ ގަވާއިދެއް އެ ކައުންސިލަށް ލިބިފައި ނުވާ ކަމަށާއި، އެންމެ ފަހުން ލިބިފައި ވަނީ "އެފްއޭއެމް އެޓޯލްސް ޗެމްޕިއަންޝިޕް 2025/2026- އެޑިޝަން 2025"ގެ ގަވާއިދު ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
ކުޑަހުވަދޫ ކައުންސިލުން ވަނީ މުބާރާތުގެ އިންތިޒާމުތަކާ މެދު އިތުރު ސުވާލުތަކެއް ވެސް ކުރިމަތިކުރުވައިފައެވެ. އެގޮތުން، މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗުގައި ކުޑަހުވަދޫގެ ޖާޒީ ނަންބަރު 7ގެ ހާރޫން އިބްރާހީމަށް ދެ ރީނދޫ ކާޑު ހަމަވުމުން ނުކުޅެވޭނެ ކަމަށް ނިންމުމަށް ފަހު، ހުރާ ޓީމުގެ ކުޅުންތެރިއަކަށް ވެސް ކާޑު ހަމަވެފައި އޮތުމުން، އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތި އަނގަބަހުން ދެ ޓީމުގެ ކުޅުންތެރިންގެ ކާޑުތައް އަނބުރާ ގެނެސް ކުޅުމުގެ ފުރުސަތު ދިންކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި ކުޑަހުވަދޫގެ ދެ ކުޅުންތެރިން ކާޑު ހަމަވެފައި ވަނިކޮށް ކުޅުވި ކަމަށް ބުނާއިރު، އެ މެޗުގައި ހުރާ ޓީމުގެ ޖާޒީ ނަންބަރު 10ގެ ކުޅުންތެރިޔާ ވެސް ކުޅެފައިވަނީ ކާޑު ހަމަވެފައި ވަނިކޮށް ކަމަށް ކުޑަހުވަދޫން ތުހުމަތު ކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.