ރެލިގޭޝަނުން ސަލާމަތްވުމަށް އުނދަގޫ މަސައްކަތްތަކެއް ކުރަމުން އަންނަ ބްރެޒިލްގެ ކޮރިންތިއަންސްގެ ނުވަ މެޗު ބާކީ އޮއްވައި، އެ ޓީމުގެ އާ ކޯޗަކަށް ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް ކްލަރެންސް ސީޑޯފް ހަމަޖައްސައިފިއެވެ.
ކޮރިންތިއަންސްއަށް ސީޑޯފް ގެނައީ ޖެހިޖެހިގެން ހަތް މެޗުން ބަލިވުމާ ގުޅިގެން ކުރީގެ ކޯޗު ފެނާންޑޯ ޑިނިޒް މަގާމުން ވަކިކުރުމަށްފަހުއެވެ.
ލީގުގައި ބާކީ ނުވަ މެޗު އޮތްއިރު ކޮރިންތިއަންސް މިވަގުތު އޮތީ ތާވަލުގެ 16ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯނަށް ވުރެ އެންމެ ޕޮއިންޓެއް ކުރީގައެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކްލަބާ ހަވާލުވުމަށްފަހު ސީޑޯފް ބުނީ އެ މަގާމް ލިބުމަކީ ފަހުރެއް ކަމަށާއި އެއާ އެކު އެހާމެ ބޮޑު ޒިންމާއެއް ވެސް ކަމަށެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ނަމަވެސް، ސީޑޯފްގެ ކޯޗިން ކެރިއަރުގައި އަދި އެދެވޭ ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. އޭނާގެ ކޯޗިން ކެރިއަރު އިޓަލީގެ އޭސީ މިލާނުން ފެށި ނަމަވެސް، ހަތަރު މަސް ދުވަހަށްފަހު ސީޒަން ނިމުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން ޗައިނާގެ ޝެންޒެންއަށް ފަސް މަސް ދުވަހު ކޯޗުކޮށްދިނުމުގެ އިތުރުން ސްޕެއިންގެ ޑިޕޯޓިވޯ ލަ ކަރޫނިއާއަށް ވެސް ކޯޗުކޮށްދިނެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ޑިޕޯޓިވޯ ވަނީ ރެލިގޭޓްވެފައެވެ. ސީޑޯފް އެންމެ ފަހުން ފެނިގެންދިޔައީ ކެމަރޫން ގައުމީ ޓީމުގެ ކޯޗުގެ މަގާމުންނެވެ.
ކެރިއަރުގެ ފަހުކޮޅު ބްރެޒިލް ލީގުގެ ބޮޓަފޯގޯއަށް ވެސް ކުޅެފައިވާ ސީޑޯފަކީ ފުޓްބޯޅަ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އޭނާއަކީ ނެދަލެންޑްސްގެ އަޔަކްސް، ސްޕެއިންގެ ރެއާލް މެޑްރިޑް އަދި އިޓަލީގެ އޭސީ މިލާނާއެކު ޔޫއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.