ކުރިއަށް އޮތް ތަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމުގެ އަމާޒުގައި، އިކުއެޑޯގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އިރުޝާދުދޭން އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ގަލާޑޯއާ އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ގަލާޑޯއަށް މަރުހަބާ ކިޔަމުން އިކުއެޑޯގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ޤައުމުގައި މިހާރު އޮތީ ހުނަރުވެރި ކުޅުންތެރިންތަކަކާ އެކު، ކުރިމަގަށް އެކުލަވާލެވިފައިވާ ހަރުދަނާ އޮނިގަނޑެކެވެ. އަދި ރައްޔިތުންގެ ފުރިހަމަ އިތުބާރާ އެކު، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެންމެ އެކަށީގެންވާ ފަރާތަކީ ގަލާޑޯ ކަމަށް އެ އިދާރާއިން ޤަބޫލުކުރެއެވެ.
މި މަޤާމަށް ގަލާޑޯ ގެނެސްފައިމިވަނީ، އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި އިކުއެޑޯއަށް އިރުޝާދުދިން ސެބަސްޓިއަން ބެކަސީސްގެ ކޮންޓްރެކްޓް އާނުކުރަން ނިންމުމާ ގުޅިގެންނެވެ. އެ މުބާރާތުގެ ގަދަ 32ގެ މަރުޙަލާގައި މެކްސިކޯ އަތުން ބަލިވެ، އިކުއެޑޯ ވަނީ މުބާރާތުން ކަޓާފައެވެ.
އުމުރުން 50އަހަރުގެ ގަލާޑޯ ވަނީ މީގެ ކުރިން އާޖެންޓީނާގެ މަޝްހޫރު ކްލަބް ރިވަރ ޕްލޭޓަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީ، ފުރަތަމަ ފަހަރު އެ ޓީމަށް ދެ ތަށި ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެ މަޤާމުން ވަކިވި ފަހުން ފާއިތުވި ހަތް މަސްދުވަހު އޭނާ ހުރީ ކޯޗިންގއާ ދުރުގައެވެ. މީގެ އިތުރުން އޭނާ ވަނީ އުރުގުއޭގެ އިތުރުން ސައުދީ ލީގުގައި ވެސް މަސައްކަތްކޮށްފައެވެ.
އާ ކޯޗުގެ ބެލުމުގެ ދަށުން އިކުއެޑޯ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 24ވަނަ ދުވަހު ނުކުންނާނީ އެކުވެރިކަމުގެ މެޗެއްގައި ދެކުނު ކޮރެއާއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.