ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންޓަ މިއާމީގެ އައު ކޯޗަކަށް ގޮންޒާލޭޒް

ޝެއާ ކުރޭ Facebook Telegram Viber X

ލިއޮނަލް މެސީ ކުޅެމުން އަންނަ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގެ ކްލަބް، އިންޓަ މިއާމީގެ އިރުޝާދުދިނުމާ އާޖެންޓީނާއަށް ނިސްބަތްވާ ކްރިސްޓިއަން "ކިލީ"ގޮންޒާލޭޒް ރަސްމީކޮށް ހަވާލުވެ، އަންގާރަ ދުވަހު ޓީމުގެ ފަރިތަކުރުންތަކަށް ނުކުމެއްޖެއެވެ.

މިދިޔަ މަހުގެ ތެރޭގައި އޭނާއަށް މި މަގާމު ހަމަޖެހުނުކަން ކްލަބުން ހާމަކޮށްފައިވީ ނަމަވެސް، ޓީމާ ގުޅުން ލަސްވެގެންދިޔައީ އެމެރިކާގައި މަސައްކަތް ކުރުމުގެ ހުއްދަ (ވޯކް ޕާމިޓް)ހޯދުމުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ވަގުތު ނެގުމާ ގުޅިގެންނެވެ. އައު ކޯޗު އެ ކްލަބާއެކު ސޮއިކޮށްފައިވަނީ 2028ވަނަ އަހަރާ ހަމައަށް ދެމިއޮންނަ ދިގު މުއްދަތުގެ އެއްބަސްވުމެއްގައެވެ.

ގޮންޒާލޭޒްގެ އިރުޝާދުގެ ދަށުން އިންޓަ މިއާމީ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ކެމްޕެއޯނެސް ކަޕްގައި ނުކުންނާނީ މެކްސިކޯގެ ސީޑީ ކުރޫޒް އަޒުލްއާ ދެކޮޅަށެވެ. އޭނާ މި މަގާމާ ހަވާލުވިއިރު ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވުމާއެކު، އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައި ވަނީ އެންމެ މެޗެކެވެ. އެހެންކަމުން، މެސީ ފަދަ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ތަރިން ހިމެނޭ ސްކޮޑެއް ގޮވައިގެން ނަތީޖާ ނެރުމުގެ ބޮޑު ޒިންމާއަކާއި ޕްރެޝަރާ އޭނާއަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

މީގެ ކުރިން އިންޓަ މިލާނާއި ވެލެންސިއާއަށް ކުޅެފައިވާ ގޮންޒާލޭޒް ވަނީ 1995އިން 2005އަށް އާޖެންޓީނާގެ ގައުމީ ޓީމަށް 56މެޗު ކުޅެދީފައެވެ. ކޯޗިންގެ ދާއިރާއަށް 2020ވަނަ އަހަރު ނުކުމެ އޭނާ ފުރަތަމަ މަސައްކަތްކުރީ އަމިއްލަ ގައުމުގެ ކްލަބްތަކުގައެވެ. އިންޓަ މިއާމީގެ ހެޑް ކޯޗުގެ މަގާމު ހުސްވީ، އަމިއްލަ ސަބަބުތަކަކާ ހުރެ އެޕްރީލް މަހު ހަވިއޭ މަޝެރާނޯ އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން ވަގުތީ ގޮތުން ޓީމާ ހަވާލުވެ ހުރީ ޓެކްނިކަލް ޑައިރެކްޓަރު ގިލެރްމޯ ހޯޔޯސްއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު