ފްރާންސްގެ ރެންއަށް ކުޅެމުން އަންނަ ސްވިޒަލެންޑްގެ ތަޖުރިބާކާރު ފޯވާޑް ބްރީލް އެމްބޯލޯ، 18މިލިއަން ޑޮލަރުގެ ބޮޑު އަގަކަށް އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގެ އެޓްލާންޓާ ޔުނައިޓެޑަށް ބަދަލުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފިއެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، އުމުރުން 29އަހަރުގެ މި ކުޅުންތެރިޔާގެ ސޮއި ހޯދުމަށް ކުރެވޭ މި ޓްރާންސްފާ ފުރިހަމަވުމާ އެކު، އޭނާ ވެގެންދާނީ އެމްއެލްއެސްގެ ތާރީޚުގައި ވެސް ކްލަބަކާ ގުޅޭ އެންމެ އަގުބޮޑު ފަސް ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ.
ފްރެންޗް ލީގުގައި ރެންއާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އެމްބޯލޯ ވަނީ ކުޅުނު 34މެޗުން 10ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ އިތުރު ތިން ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ. މީގެ ކުރިން އޭނާ ވަނީ ޔޫރަޕްގެ ނަންމަޝްހޫރު ކުލަބުތައް ކަމަށްވާ އޭއެސް މޮނާކޯ، ބޮރޫޝިއާ މޮންޗެންގްލަޑްބަކް، ޝާލްކާ އަދި ސްވިޒަލެންޑުގެ ބާސެލްގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
ސްވިޒަލެންޑްގެ ޤައުމީ ޓީމަށް 92މެޗު ކުޅެދީ 26ލަނޑު ޖަހައިދީފައިވާ އެމްބޯލޯއަކީ އެ ޓީމުގެ މުހިންމު ހަތިޔާރެކެވެ. ފީފާ ވޯލްޑް ކަޕް 2026ގައި ވެސް އޭނާ ކުޅެފައިވާއިރު، މުބާރާތުގެ ކުއާޓާ ފައިނަލްގައި 3-1އިން އާޖެންޓީނާ އަތުން ބަލިވި މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑާ ގުޅިގެން ބޮޑެތި ބަހުސްތަކެއް އުފެދިގެން ދިޔައެވެ.
އޭނާ އަލަށް ގުޅޭ ކްލަބް ކަމަށްވާ އެޓްލާންޓާ ޔުނައިޓެޑްގެ ހާލަތު މިވަގުތު އޮތީ ވަރަށް ދަށްކޮށެވެ. އީސްޓަން ކޮންފަރެންސް ތާވަލުގެ އެންމެ ފުލުގައި އެ ޓީމު އޮތްއިރު، މިހާތަނަށް ކުޅުނު 18މެޗުން ލިބިފައިވަނީ އެންމެ 12ޕޮއިންޓެވެ. ލީގުގައި ކުރިއަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުޔޯކް ރެޑް ބުލްސްއާ ދެކޮޅަށް އެޓްލާންޓާ ކުޅޭ މެޗެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.