އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގައި ވާދަކުރާ އިންޓަރ މަޔާމީގެ ނަތީޖާތައް ދަށްވެފައިވާ ދަނޑިވަޅެއްގައި، އެ ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް އާޖެންޓީނާގެ ކްރިސްޓިއަން "ކިލީ"ގޮންޒާލޭޒް އައްޔަންކޮށްފިއެވެ.
މިކަން އިއުލާނުކުރަމުން އެ ކުލަބުން ބުނެފައި ވަނީ، އެމެރިކާގައި ރަސްމީކޮށް މަސައްކަތްކުރުމުގެ ވިސާ ގޮންޒާލޭޒްއަށް ލިބެންދެން، މިވަގުތު ޓީމުގެ ކަންކަން ބަލަހައްޓަމުން ގެންދާނީ ވަގުތީ ކޯޗު ގިލޔަރްމޯ ހޯޔޯސް ކަމަށެވެ.
ލިއޮނެލް މެސީގެ އިތުރުން ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މަޔާމީގެ ކުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ފާއިތުވި މަހު ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ އެ ޓީމާ ގުޅުމާ އެކު ކުޅުމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައި ނަމަވެސް، އެމްއެލްއެސް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައެވެ. މި ނަތީޖާތަކާ އެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ނޭޝްވިލްއަށް ވުރެ 10ޕޮއިންޓް ދަށްކޮށް، އީސްޓަން ކޮންފަރެންސްގެ ދެވަނައިގައެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހަވިއޭ މަޝަރާނޯ ކޯޗުކަމުން އިސްތިއުފާ ދިނުމުން، ޓީމާ ހަވާލުވެ ހުރި ހޯޔޯސް ކުރި ބުރަ މަސައްކަތް ފާހަގަކޮށް، އިންޓަރ މަޔާމީގެ މެނޭޖްމަންޓުން ވަނީ އޭނާއަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. މީގެ ކުރިން ކުލަބުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ބައި އިސްކޮށް ބެލެހެއްޓި ހޯޔޯސްއަށް، މެޗުތައް ފެށުން ލަސްކުރާ މައްސަލައިގައި ލީގުން ވަނީ އެއް މެޗުގެ ސަސްޕެންޝަނެއް ދީފައެވެ. އެހެންކަމުން މޮންޓްރިއަލްއާ ދެކޮޅަށް ދެން ކުޅޭ މެޗުގައި އޭނާއަށް ބެންޗުގައި ނުއިންނެވޭނެއެވެ.
އުމުރުން 52އަހަރުގެ ގޮންޒާލޭޒްއަކީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ވަނީ 1995ވަނަ އަހަރުން ފެށިގެން 2005ވަނަ އަހަރާ ހަމައަށް އާޖެންޓީނާގެ ޤައުމީ ޓީމަށް 56މެޗު ކުޅެދީފައެވެ. މީގެ އިތުރުން ވެލެންސިއާ، އިންޓަރ މިލާން އަދި ރޮސާރިއޯ ސެންޓްރަލް ފަދަ ނަންމަޝްހޫރު ޓީމުތަކަށް ކުޅެފައިވާ ގޮންޒާލޭޒް ކޯޗިންގ ކެރިއަރު ފެށީ 2020ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އާޖެންޓީނާގެ ބައެއް ޓީމުތަކަށް ކޯޗުކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.