އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގައި މިއަދު ފަތިހު އިންޓަރ މަޔާމީއާއި ނޭޝްވިލް ވާދަކުރި ފޯރިގަދަ މެޗު 2-2އިން އެއްވަރުވެގެން ނިމުނުއިރު، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޭނާގެ 19ވަނަ ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ 62ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ހިތްގައިމު ގޯލާއެކު މަޔާމީން މެޗުން މޮޅުވާނެކަމަށް ބެލެވުނު ނަމަވެސް، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ނޭޝްވިލްގެ ސޭމް ސަރިޖް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ނަތީޖާއާ އެކު، މި ސީޒަނުގައި މި ދެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް ނޭޝްވިލް އަތުން މަޔާމީއަށް މޮޅުވެވިފައެއް ނުވެއެވެ. އަދި އީސްޓަން ކޮންފަރެންސްގެ ތާވަލުގެ އެއްވަނައިގައި ނޭޝްވިލް މިހާރު އޮތީ ދެވަނައިގައި އޮތް މަޔާމީއަށް ވުރެ ނުވަ ޕޮއިންޓް ކުރީގައެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެންޑީ ނަޖާ ތަނަވަސްކޮށްދިން ފުރުސަތަކުން ސަރިޖް ނޭޝްވިލްއަށް ލީޑު ނަގައިދިންއިރު، މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 14ވަނަ ލަނޑެވެ. އޭގެ ފަނަރަ މިނެޓު ފަހުން ލިބުނު ކޯނަރެއްގައި ނޭޝްވިލްގެ ޑިފެންޑަރު ރީޑް ބޭކާ-ވައިޓިން އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު މަޔާމީން ނަތީޖާ އެއްވަރުކުރިއެވެ.
އަށް ފަހަރު ބަލޮންޑޯ ހާސިލްކޮށްފައިވާ މެސީ ފުރަތަމަ ހާފުގައި ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ނޭޝްވިލްގެ ޑިފެންސް ލައިނުން ދިފާއުކޮށްފައިވެއެވެ. އޭނާ ދެވަނަ ހާފުގައި ލަނޑު ޖެހީ ރޮޑްރީގޯ ޑި ޕޯލް ދިން ބޯޅައެއް ޕެނަލްޓީ އޭރިއާގެ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ކޮންކާކަފް ޗެމްޕިއަންސް ކަޕުން މަޔާމީ ކަޓުވާލުމުގެ އިތުރުން، އެންމެ ފަހުން ކުޅުނު މެޗުން 4-1އިން ބަލިވެފައިވުމާ އެކު، މަޔާމީން މިއަދު ނުކުތީ ނޭޝްވިލްގެ މައްޗަށް ކުރިހޯދައި ބަދަލުހިފުމުގެ ރޫހެއްގައި ކަމަށް ވިޔަސް އެކަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.