މި މަހުގެ ކުރީކޮޅު ބައްޕަ ނިޔާވުމާ ގުޅިގެން އިންޓަރ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީއަށް ކުރިމަތިވި ފުން ހިތާމަތަކަށް ފަހު، އޭނާގެ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އެ ކުލަބުގެ ކޯޗު ގިލާމޯ ހޯޔޯސް އިއްޔެ ބާއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފިއެވެ.
ކޯޗު ހޯޔޯސް ފާހަގަކުރި ގޮތުގައި، ދަނޑުމަތީގައި މެސީ ހަރަކާތްތެރިވަމުން އަންނަނީ ނަފްސާނީ ގޮތުން ވަރަށް ހަމަޖެހިލައިގެންނެވެ. އަދި އޭނާގެ ކިބައިން ފެންނަނީ ވަރަށް އުއްމީދީ މަންޒަރުތަކެއް ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ. އުމުރުން 39އަހަރުގެ އާޖެންޓީނާ ފޯވާޑް އަލުން ކުޅުމުގެ ތެރެއަށް ނުކުމެފައި ވަނީ މިދިޔަ ހަފުތާގައެވެ. ލީގްސް ކަޕްގައި ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިއިރު، އޭގެ ފަހުން އާދީއްތަ ދުވަހު ނޭޝްވިލް އަތުން 4-1އިން ބަލިވި މެޗުގައި މެސީ ފެނިގެންދިޔައީ ފުރަތަމަ އެގާރައިންނެވެ.
މިފަދަ ހިތްދަތި ދުވަސްވަރެއްގައި ވެސް ކުލަބަށާއި އެކުލެވޭ ކުޅުންތެރިންނަށް މެސީ ދޭ އަހައްމިއްޔަތުކަމަށް ޓަކައި ޓީމުގައި ހިމެނޭ ބްރެޒިލްގެ ތަރި ކަސެމީރޯ ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ކަސެމީރޯ ސިފަކުރި ގޮތުގައި އުނދަގޫ ވަގުތުތަކެއް ކަޑައްތުކުރަމުން ދިޔަ ނަމަވެސް، މެސީއަކީ މުޅި ޓީމަށް ހުރި ފުރިހަމަ ނަމޫނާއެކެވެ.
މެސީގެ އުމުރުން 14އަހަރުން ފެށިގެން އޭނާގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި އޭނާގެ ބައްޕަ، ޖޯޖް މެސީ އުމުރުން 68އަހަރުގައި ނިޔާވީ މި މަހުގެ 8ވަނަ ދުވަހު އާޖެންޓީނާގެ ރޮސާރިއޯގައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށާއި، 2022ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގެ ފަހަތުގައި އޭނާގެ ބައްޕަގެ ހިއްސާ ވަރަށް ބޮޑެވެ.
ބައްޕަ ވަކިވެދިއުމުގެ ހިތާމައިގައި ސޯޝަލް މީޑިއާގައި މެސީ އާންމުކުރި އަސަރުގަދަ ބަޔާނެއްގައި ވަނީ، ފުޓުބޯޅައިގައި ދެން މާ ގިނަ ދުވަހު ދެމިނުހުރެވިދާނެ ކަމަށް ބުނެ، ކެރިއަރުގެ މުސްތަގުބަލާ މެދު ފުންކޮށް ވިސްނަމުންދާކަން ހާމަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.