ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައުމީ ޖާޒީ ބޭލުމަކީ ކެރިއަރުގެ އެންމެ ހިތްދަތި ދުވަސް: މެސީ

ޝެއާ ކުރޭ Facebook Telegram Viber X

އަމިއްލަ ފަސްގަނޑުގައި ބެނިންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމާ ރަސްމީކޮށް ވަކިވެއްޖެކަން އިއުލާނުކުރަމުން، މިއީ ފުޓުބޯޅަ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަސްކަމަށް ދުނިޔޭގެ މަޝްހޫރު ތަރި ލިއޮނެލް މެސީ ބުނެފިއެވެ.

ރޭ ފަތިހު އާޖެންޓީނާގައި ކުޅުނު މި މެޗު އެ ގައުމުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. ނިމިދިޔަ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައިވީ ނަމަވެސް، މިއީ މެސީ ގައުމީ ޖާޒީގައި ކުޅުނު އެންމެ ފަހުގެ މެޗެވެ.

އާޖެންޓީނާއިން 1978، 1986އަދި 2022ގައި ވޯލްޑް ކަޕް އުފުލާލިއިރު ޓީމުގައި ހިމެނުނު ކުޅުންތެރިންނާއި، މެސީގެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައި ވާހަކަދައްކަމުން އޭނާ ވަނީ ވަރަށް ބޮޑަށް ޖަޒުބާތީވެފައެވެ. ކަރުނައާ އެކު މެސީ ބުނީ، ހިތުގައި އުފެދެމުންދާ އިހުސާސްތަކުގެ ބޮޑުކަމުން ބަސްތައް އަމުނާލަން ވެސް ދަތިކަމަށެވެ. އަދި މި ހާއްސަ ވަގުތުކޮޅުގައި އެންމެ ބޮޑަށް ހަނދާން ވަނީ ދާދިފަހުން ނިޔާވި އޭނާގެ ބައްޕަ މަތިންކަން ފާހަގަކުރިއެވެ.

ވިހި އަހަރަށް ވުރެ ދިގު މުއްދަތެއްގައި ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ފަހުރުކަމަށް މެސީ ބުންޏެވެ. އަދި މީގެ ފަހުން އާޖެންޓީނާގެ ޓީމުން ނުފެންނާނެތީ އެކަމާ ނުހަނު ދެރަވާކަމަށާއި، އިހުތިޔާރު އޮތްނަމަ މުޅި އުމުރު ދުވަހު ވެސް ކުޅެދޭން ބޭނުންވަނީ އާޖެންޓީނާއަށް ކަމަށް އޭނާ ބުންޏެވެ.

ގިނަގުނަ ރެކޯޑުތަކަކާ އެކު މެސީ ގައުމީ ޓީމާ ވަކިވިއިރު، އޭނާއަކީ އާޖެންޓީނާއަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ އިތުރުން އެންމެ ގިނަ ލަނޑު ވެސް ޖަހައިދިން ކުޅުންތެރިޔާއެވެ. އެގޮތުން 208މެޗު އޭނާ ކުޅެދީފައިވާއިރު، ގައުމީ ޖާޒީގައި 126ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު