ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެދޭ ފަހު މެޗަށް ބޮއިނަސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ތައްޔާރުވަމުން އަންނައިރު، ފުޓްބޯޅައިން ރިޓަޔަރވުމަށް ފަހު ކުރިއަށްގެންދާނެ ކްލަބް އޯނަރޝިޕް އަދި ބިލިއަން ޑޮލަރުގެ ބިޔަ ވިޔަފާރި މަޝްރޫޢުތަކެއް އޭނާ ވަނީ މިހާރު ވެސް ފަރުމާކޮށްފައެވެ.
ބެނިންއާ ދެކޮޅަށް އާޖެންޓީނާއިން ކުޅޭ މި ތާރީޚީ މެޗަކީ މެސީ އެ ޤައުމަށް ކުޅެދޭ 208ވަނަ މެޗެވެ. އާޖެންޓީނާގެ ރައްޔިތުންނާ ފުން އިހުސާސްތަކަކުން ގުޅިފައިވާ އަދި އެ ޤައުމުގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ މެސީ ވަނީ، އޮގަސްޓް 31ގައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިޢުލާންކޮށްފައެވެ. ކޯޗު ލިއޮނެލް ސްކަލޯނީގެ ފަރާތުން ޤައުމީ ޓީމުގެ ދޮރު އަބަދުވެސް ހުޅުވިފައިވާކަން ހާމަކުރި ނަމަވެސް، މެސީގެ ނިންމުން ބަދަލުކުރާނެކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް، 2028ވަނަ އަހަރާ ހަމައަށް އިންޓަރ މައާމީއާ އެކު ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން ކްލަބް ފުޓްބޯޅައިގައި އޭނާ ދެމިހުންނާނެއެވެ. އަދި ފިޓްކޮށް ހުރެއްޖެ ނަމަ އެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު ވެސް އޭނާއަށް އެބައޮތެވެ.
ކެރިއަރު ނިންމާލުމަށް ފަހު ކޯޗިންގ ދާއިރާއަށް ވަނުމަށް މެސީ އެއްވެސް ޝައުޤުވެރިކަމެއް ނުދެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ކޯޗުކަމަކީ ކޮންމެ ހަފްތާއަކު ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އޭގެ ބަދަލުގައި އޭނާގެ އަމާޒު ހުރީ ކްލަބްތަކުގެ ވެރިއެއްގެ ހައިސިއްޔަތުން ފުޓްބޯޅައިގެ ހިންގުމުގެ ތެރެއަށް ވަނުމަށެވެ. އެގޮތުން، ޒުވާން ކުޅުންތެރިން އުފެއްދުމުގެ ބޭނުމުގައި ސްޕެއިންގެ ފަސްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ "ޔޫއީ ކޯނޭޔާ"އަދި ދެވަނަ ޑިވިޝަނުގެ "ސީޑީ އެލްޑެންސް"އޭނާ ވަނީ ދާދިފަހުން ގަނެފައެވެ. އެލްޑެންސްގެ ކޯޗަކަށް ކުރީގެ ވިޔަރެއާލް ކޯޗު ހާވީ ކަޔޭހާ ހަމަޖައްސާފައިވާއިރު، މެސީ އަންނަނީ ކޮމްޕިއުޓަރު މެދުވެރިކޮށް އެ ޓީމުގެ ހުރިހާ މެޗެއް ގާތުން ބަލަމުންނެވެ. އޭނާގެ ކްލަބްތަކަށް 12ވަރަކަށް ސްޕޮންސަރުން މިހާރު ވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ރިޓަޔަރވުމަށް ފަހު އިންޓަރ މައާމީގެ ވަކި އިންސައްތައެއްގެ ހިއްސާ ވެސް އެއްބަސްވުމުގެ ދަށުން މެސީއަށް ލިބޭނެއެވެ.
މީގެ އިތުރުން ޒުވާން ކުޅުންތެރިން ބިނާކުރުމަކީ މެސީ ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. 16އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން އޭނާ ތަޢާރަފުކުރި "މެސީ ކަޕް"މި އަހަރު ވަނީ 16ޓީމަށް ފުޅާކޮށްފައެވެ. އިންޓަރ މައާމީގެ މަރުކަޒުގައި މިމަހު ފަށާ މި މުބާރާތުގައި ޗެލްސީ، އާސެނަލް، ބާސެލޯނާ، އިންޓަރ މިލާން އަދި އެޓްލެޓިކޯ މެޑްރިޑް ފަދަ ޔޫރަޕުގެ ގަދަބާރުތަކުގެ އެކަޑަމީ ޓީމުތައް ވާދަކުރާނެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްހެން މެސީ ވަނީ އަމިއްލައަށް ދަނޑަށް ގޮސް ބަލާފައެވެ.
ފުޓްބޯޅައިގެ ބޭރުން މެސީގެ ވިޔަފާރީގެ ދުނިޔެއަށް ނަޒަރު ހިންގާލާއިރު، ފޯބްސްއިން އޭނާގެ މިލްކިއްޔާތު 1.1ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއެވެ. ހަމައެކަނި މިދިޔަ އަހަރުގެ އާމްދަނީ 140މިލިއަން ޑޮލަރަށް އެރިއިރު، އެޑިޑާސްއާއެކު 2017ގައި ވެފައިވާ އުމުރުދުވަހުގެ އެއްބަސްވުމަކީ މީގެ މުހިންމު ބައެކެވެ. މެޖެސްޓިކް ހޮޓެލް ގްރޫޕާ ގުޅިގެން އިބީޒާއިން ފެށިގެން އެންޑޯރާއާ ދެމެދު ހިންގާ "އެމްއައިއެމް ހޮޓެލްސް"ގެ ބުޓީކް 6ޕްރޮޕަޓީއާއި، ރޮސާރިއޯގައި ތަރައްޤީކުރާ 24ޕްރޮޕަޓީގެ ރިއަލް އެސްޓޭޓް މަޝްރޫޢަކީ ފާހަގަކޮށްލެވޭ ބިޔަ އިންވެސްޓްމަންޓްތަކެވެ. އޭނާގެ ގާތް އެކުވެރިޔާ އެންޖެލް ޑި މާރިއާގެ އެޖެންސީއާ މި ޕްރޮޕަޓީތައް ވިއްކުން ހަވާލުކޮށްފައިވާއިރު، ސްޕެއިންގައި 5ބްރާންޗު ހުޅުވަން ތައްޔާރުވަމުންދާ "އެލް ކްލަބް ޑެލަ މިލަނޭސާ"ރެސްޓޯރަންޓް ޗެއިންގެ ޕާޓްނަރަކަށް ވެސް މެސީ ވަނީ ވެފައެވެ.
މެސީގެ މި ހުރިހާ ވިޔަފާރިއެއްގެ ބިންގާ އަޅައިދީ، ހަމައަކަށް އަޅުވައިދިނީ އޭނާގެ ބައްޕަ ހޯގޭ މެސީއެވެ. ޓީވީ ޕްރޮޑަކްޝަނާއި، މީޑިއާ، މާކެޓިންގ އަދި ކޮމާޝަލް ޕާޓްނަރޝިޕްތަކަށް ބަހާލައިގެން މެސީގެ އިތުބާރުކުރާ ގާތް މީހުން ލައްވައި މިހާރު ހިންގަމުންދާ މި ބިޔަ ނެޓްވޯކުން ސާބިތުކޮށްދެނީ، ބޫޓު ބާލައި ދަނޑާ ދުރަށްދާ ދުވަހަށް އޭނާ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.