ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެސީގެ ފަހު މެޗުގައި ލާ އާޖެންޓީނާގެ ޖާޒީ ދައްކާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އާޖެންޓީނާގެ ގައުމީ ޓީމަށް ލިއޮނެލް މެސީ ކުޅެދޭ އެންމެ ފަހު މެޗުގެ ގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހު ބުއެނޯސް އައިރީސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ބެނިންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ބޭނުންކުރަން އެޑިޑާސްއިން ފަރުމާކޮށްފައިވާ ޚާއްސަ ޖާޒީ ދައްކާލައިފިއެވެ.

އުމުރުން 39އަހަރުގެ ތަރި އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މި ޖާޒީ އާންމުންނަށް ދައްކާލަމުން ބުނެފައި ވަނީ، މިއީ އޭނާގެ ފަހު މެޗު ކަމަށާއި އަދި މިއީ މުޅި އުމުރަށް ވެސް ފާހަގަކޮށްލެވޭނެ ފަދަ ޚާއްސަ ޖާޒީއެއް ކަމަށެވެ. އާޖެންޓީނާގެ ސަގާފީ އުޑުނޫ ކުލައާއި ހުދު ކުލައިގެ މި ޖާޒީއަށް އެޑިޑާސްއިން ވަނީ މެސީގެ ވަދާއީ މެޗާ ގުޅުވައިގެން ތަފާތު ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި، ޖާޒީގެ ފަހަތުގައި ރަން ކުލައިން މެސީގެ ނަމާއި މަޝްހޫރު 10ނަންބަރު ޕްރިންޓުކުރުމުގެ އިތުރުން، ނަމުގެ މަތީގައި އާޖެންޓީނާގެ ދިދައިން ފެންނަ އިރު (ސަން އޮފް މޭ)އަދި ފަހަތުގައި ތަފާތު ކުރެހުމެއް ވަނީ ހިމަނާފައެވެ.

ފާއިތުވި 20އަހަރު ދުވަހު މެސީއާ އެކު ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ޖަރުމަނުގެ އެޑިޑާސް ކުންފުނިން މި ޖާޒީ ތައްޔާރުކޮށްފައި ވަނީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގެ ނިމުން ކުލަގަދަކޮށް ފާހަގަކުރުމަށެވެ. މީގެ ކުރިން، މިއަހަރު މެސީ ކުޅުނު ފަހު ވޯލްޑް ކަޕަށް ޚާއްސަކޮށްގެންވެސް އެ ކުންފުނިން ވަނީ "އެލް އުލްޓިމޯ ޓޭންގޯ"ގެ ނަމުގައި ކަލެކްޝަނެއް ނެރެފައެވެ. ގައުމީ ޓީމަށް މިހާތަނަށް 207މެޗު ކުޅެ، 125ލަނޑު ޖަހައިދީފައިވާ މެސީ، ބޮލީވިއާ އަދި ބުރުކީނާ ފާސޯއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ނުފެންނާނެއެވެ. އެހެންކަމުން ބެނިންއާ ދެކޮޅަށް ކުޅޭ ވަދާއީ މެޗު ވެގެންދާނީ އޭނާ އާޖެންޓީނާގެ ޖާޒީގައި ކުޅޭ 208ވަނަ މެޗަށެވެ.

ވޭތުވެދިޔަ ދެ ދިހަވަރަކަށް އަހަރުގެ ތެރޭގައި އާޖެންޓީނާގެ ސަޕޯޓަރުން ވަނީ 10ނަންބަރު ޖާޒީގައި މެސީގެ ފަރާތުން މޮޅު ކުޅުމަކާއި، އުފާވެރިކަމާއި، ހިތާމަވެރި އެތައް ކަމެއް ތަޖުރިބާކޮށްފައެވެ. މި ހުރިހާ ހަނދާންތަކަކާ އެކު، ސަޕޯޓަރުންނަށް ދެން ފެނިގެންދާނީ ބައިނަލްއަގުވާމީ ފުޓުބޯޅައަށް އަލްވަދާއުކިޔުމަށް މެސީ ލާނެ އެންމެ ފަހުގެ ތާރީޚީ ޖާޒީއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު