ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެސީ ނެތި ވެސް އާޖެންޓީނާއިން ފެންވަރު ދައްކާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ބޮއިނެސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއްގައި، ތަރި ލިއޮނެލް މެސީއާ ނުލައި ކުޅެ، 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބްރުކިނަ ފާސޯގެ މައްޗަށް ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ކުރިހޯދައިފިއެވެ. 

ދުނިޔޭގެ ޗެމްޕިއަނުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި ކުރިމަތިލުމުގައި ޓީމުގެ ކެޕްޓަން މެސީ ފެނިފައެއް ނުވެއެވެ. އޭނާގެ މަގާމު ފުރާދީފައިވަނީ އިޓަލީގެ ކޯމޯއަށް ކުޅޭ އުމުރުން 22އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ނިކޯ ޕަޒްއެވެ. މެޗު ފެށިގެން މާގިނައިރެއް ނުވަނީސް އާޖެންޓީނާއިން ވަނީ ލަނޑުޖަހަން ފަށައި، މެޗުގެ ކޮންޓްރޯލް އެއްކޮށް ނަގާފައެވެ.

އެގޮތުން، ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލައުޓާރޯ މާޓިނޭޒް ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރުމުން، ރީބައުންސަށް ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލީއެވެ. އޭގެ ހަ މިނެޓު ފަހުން ޖޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާއެއް ބްރުކިނަ ފާސޯގެ ޑިފެންޑަރު މޮމޯނޫ ޑިއާލޯގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަނުމުން ނަތީޖާ ދޭއް ސުމަކަށް ބަދަލުވިއެވެ. މީގެ އިތުރުން، ބާރަ ވަނަ މިނެޓުގައި ޖިއާންލޫކާ ޕްރެސްޓިއާނީ ލަނޑެއް ޖަހާފައިވާއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިކޯ ޕަޒް އަދި އަލްވަރޭޒް ވަނީ އިތުރު ދެ ލަނޑު ޖަހައި ނަތީޖާ ފަހެއް ސުމަކަށް އުފުލާލާފައެވެ.

ދެވަނަ ހާފަށް ކުޅެން ނުކުތްއިރު އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ ފަސް ކުޅުންތެރިއަކު ބަދަލުކޮށްފައެވެ. އެ ޓީމުގެ ހަވަނަ ލަނޑު 57ވަނަ މިނެޓުގައި ޖަހައިދިނީ އަލްވަރޭޒްގެ ބަދަލުގައި ކުޅެން އެރި ފްރެންކޯ މަސްތަންޓުއޯނޯއެވެ. އޭގެ ފަހުން ފަހު ވިހި މިނެޓަށް އެޅުމުގެ ކުރިން ކޯޗު ވަނީ އިތުރު ހަ ބަދަލެއް ގެނެސް، މުޅި ޓީމު އެއްކޮށް އާކޮށްލާފައެވެ. އާޖެންޓީނާގެ ފަހު ލަނޑު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޖިއުލިއާނޯ ސިމިއޯނީއެވެ.

މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ބްރޭކުގައި އާޖެންޓީނާއިން ކުޅޭ ދެވަނަ އަދި އެންމެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ބެނިންއާ ދެކޮޅަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެކުވެރިކަމުގެ މި ކުރިމަތިލުމަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ ގައުމީ ޖޯޒީގައި ފެނިގެންދާނެ އެންމެ ފަހު ފަހަރެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު